ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓުން ނިކުންނަވައި ވާދަވެރި ކެމްޕެއިނެއް ކުރުމަށް ގޮވާލައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ މައި އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނުކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ރައީސަށް ބޮޑު ވާދައެއް ދެއްވާނެ ކަމަށް ބެލެވޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކެމްޕެއިނާއި، މަނީ ލޯންޑާކުރުމާއި ރިޝްވަތުގެ ކުށް ސާބިތުވެ ޖަލުގައި މިހާރު އޮންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ވެސް އަދިވެސް ނުފެށެއެވެ.

މިރޭގެ ޖަގަހަ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުންގެ ވާހަކަތަކަށް ކުޑަކޮށް އަލިއަޅުވާލައްވައި އިދިކޮޅު ފަރާތްތަކަށް ރައީސް އިލްތިމާސްކުރެއްވީ، ކެމްޕެއިނަށް ނުކުމެވަޑައިގެން ވާދަކުރެއްވުމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ކޯލިޝަން އޮތީ އިންތިހާބުގައި ރަނގަޅު ވާދައެއް ދިނުމަށް ތައްޔާރަށެވެ.

އެމަނިކުފާނު ވިދާޅުވީ، ވާދަވެރި ކެމްޕެއިނެއް ނިންމައި، އިންތިހާބުގައި ވާދަކޮށް، ވޯޓުން ނަތީޖާ ނެރޭ ހިސާބަށް އެމްޑީޕީ އަށް އާދެވިއްޖެ ކަމަށާއި، ނަމަވެސް ފެންނަނީ ވާދަވެރިން މާ ފަހަތުގައި އުޅުއްވާ މަންޒަރު ކަމަށެވެ.

"އަޅުގަނޑު ވަރަށް އިހްތިރާމާ އެކު އެ ބޭފުޅުންނަށް (އިދިކޮޅަށް) މި ދަންނަވަނީ ދޫކޮށްލައްވާށޭ ތިގޮތް، ރަނގަޅަށް ވާދަވެރި ކެމްޕެއިނެއް ކުރައްވާށޭ، އަޅުގަނޑުމެން ނިކުމެ މިތިބީ ވާދަކޮށް [އިންތިހާބަށް ނިކުންނާށޭ]، އިރާދަކުރެއްވިއްޔާ މި އޮތް ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރަން،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ، "ތަޅާފޮޅުމާއި، ހަމަނުޖެހުމާއި، ސުލްހަ ގެއްލުވާލުމަށް ކުރާ ކަންތައްތަކަށް" މި ސަރުކާރުން އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިންގެ އަމަންއަމާންކަން ފުލުހުންނާއި ސިފައިން ބަލަހައްޓާނެއެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު އެ އިޝާރާތްކުރެއްވީ އިއްޔެ އެމަނިކުފާނު މ. މުއްޔަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ހަދާފައިވާ ސަފުގައި ހުރި މީހަކު އެމަނިކުފާނަށް ހުތުރުބަހުން މުހާތަބުކުރި ހާދިސާއަށެވެ.