ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ކުރިއަށް އޮތް ފަސް އަހަރަށް ހޮވިވަޑައިގެންފި ނަމަ ގާއިމްކުރައްވާނެ ކަމަށާއި، މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީކުރައްވާނެ ކަމަށް ވިދާޅުވެ، ރައީސް ދިއްގަރަށް ވައުދުތައްވެ ވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް މިވަގުތު މ. އަތޮޅަށް ވަޑައިގެން ދިއްގަރުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ބިން ހިއްކައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ދިއްގަރުގައި މަސައްކަތްތެރި ރައްޔިތުން ދިރިއުޅޭ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އެފަދަ ރަށްތައް ތަރައްގީކޮށް، އެފަދަ ރަށްރަށުގައި ދިރިއުޅުން އާބާދުކުރުމަށް ރައްޔިތުންނަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދިއްގަރަށް ބޭނުންވާ ކަންކަން އެބަހުރި ކަމަށާއި، މިހާރު ވެސް ފަށާފައި ހުރި މަސައްކަތްތައް ނިންމާލަން ބޭނުންވާ ކަމަށެވެ.

ނަމަވެސް ބައެއް މަޝްރޫއުތައް ލަސްވެ ނުނިމި ހުރި ކަމަށް އެމަނިކުފާނު ގަބޫލުކުރައްވައެވެ.

ރައީސް ވިދާޅުވި ގޮތުގައި، ދިއްގަރާއި އެ ރަށުގެ ރައްޔިތުންގެ ދޭތެރޭގައި ސަރުކާރުގެ ބޮޑެތި އުންމީދުތަކެއް އެބައޮތެވެ. އެއާއެކު އެމަނިކުފާނު ވަނީ އެ ރަށަށް ބައެއް ކަންކަން ކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެ، ބައެއް ކަންކަން ލިސްޓުކުރައްވައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ދިއްގަރުގައި ޒަމާނީ ހިދުމަތްތަކާ އެކު ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ގާއިމްކުރުން
  • ހެލްތު ސެންޓަރަށް ރަނގަޅު އެކްސްރޭ މެޝިނަކާއި މުވައްޒަފުން ފޯރުކޮށްދިނުން
  • އަންނަ އަހަރުގެ މެދުތެރޭ މ. އަތޮޅުގައި އާރުޓީއެލް ހިދުމަތް ފެށުމުގެ ކުރިން، ކުރިއަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި ލޯންޗެއްގެ ހިދުމަތް ފެރީގެ ގޮތުގައި ފޯރުކޮށްދިނުން
  • ބިން ހިއްކުމުގެ މަޝްރޫއަށް ފަހު ބޯހިޔާވަހިކަން ފޯރުކޮށްދިނުން
  • ޒަމާނީ ފެންވަރުގެ ވޮލީ ކޯޓަކާއި ފުޓްބޯޅަ ދަނޑަކާއި ޒުވާނުންގެ މަރުކަޒެއް ގާއިމްކުރުން

އޭގެ އިތުރުން، ދިއްގަރަށް އޭޓީއެމެއް ބޭނުންވާ ކަން ފާހަގަކުރައްވައި، ސެލްފް ސާވިސް ސެންޓަރެއް ގާއިމްކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ވީހާ ވެސް އަވަހަށް ފަށްޓަވާނެ ކަމަށާއި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.