ޒަމާންގަނޑަކަށް ފަހު އޮލިމްޕަސް ހުޅުވައި، ބޭރު ފިލްމުތައް ވެސް އޮލިމްޕަހުގައި އަޅުވަން ނިންމިއިރު އެތަނުގައި އެންމެ ފުރަތަމަ އެޅުނީ "ޝެހެޒާދާ" އެވެ. މި ފިލްމު ބަލަން އޮލިމްޕަހަށް ދާން ބޭނުންވި ނަމަވެސް ކަން ދިމާކުރި ގޮތުން އޮލިމްޕަހަށް ދެވޭ ގޮތެއް ނުވިއެވެ. މައްސަލައެއްނޫންތާއެވެ. އެންމެފަހުން ނެޓްފްލިކްސް އަށް މި ފިލްމު ދޫކޮށްލުމުން ފިލްމު ބަލައިލީމެވެ. ކާރްތިކް އާރްޔަންގެ ފިލްމެއް ކަމުން ހާސްވާކަށެއް ނުޖެހުނެވެ. މަޖާވާނެ ކަން އެނގެއެވެ. ސަޅި ވާނެ ކަން ވެސް އެނގެއެވެ.

  • ތަރިން

ކާރްތިކް އާރްޔަން (ބަންޓޫ ނަންދާ)، ކްރިތީ ސެނަން (ސަމާރާ)، މަނީޝާ ކޮއިރަލާ (ޔަޝޫ ޖިންދަލް ނަންދާ)، ސަނީ ހިންދޫޖާ (ސަރަންގް ޕޯލް)، އަންކުރު ރަތީ (ރާޖް)، ރޯނިތު ރޯއީ (ރަންދީޕް) އަދި ޝާލިނީ ކަޕޫރު (އާރްތީ ޖިންދަލް)، ޕަރޭޝް ރަވާލް (ވަލްމިކީ) އެވެ.

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ވަލްމިކީ އާއި ރަންދީޕުގެ ކެރިއަރު ފެށިގެން އަންނަނީ އަދިތްޔާ ޖިންދާލް ގެ ކުންފުންޏަށް ވަޒީފާ އަށް ވަންނަ ހިސާބުންނެވެ. އޭގެ ފަހުން ރަންދީޕް، އަދިތްޔާގެ އަންހެން ދަރިފުޅު ޔަޝޯދާ (ޔަޝޫ) އާއި ކައިވެނިކޮށް އޭނާގެ ދިރިއުޅުން މުއްސަނދި ވިއެވެ. ނަމަވެސް ވަލްމިކީ ހުރީ ހަމަ ހުރި ހިސާބުގައެވެ. ވަލްމިކީ ފަހުން މަސައްކަތްކޮށް އުޅުނީ ރަންދީޕްގެ ގޭގައެވެ. ގާތް ދެ އެކުވެރިންވެސް މީހުންނާ އިނދެ ދަރިން ލިބުނެވެ. ކަންދިމާކުރި ގޮތުން ދެމީހުންގެ އަނބިންވެސް ވިހަން އޮތް ދުަވަހަކީ އެއް ދުވަހެވެ. ރަންދީޕްގެ ފިރިހެން ދަރި ވިހެއުމާއެކު ފިލްމުން ފެނިގެންދިޔައީ އެ ދަރިފުޅު މަރުވި މަންޒަރެވެ. ނަރުސް ކުއްޖާ އައިސް ވަލްމިކީ ގާތު އެވާހަކަ ބުނުމުން އޭނާ ހިތަށް އަސަރުކޮށް އޭނާގެ ދަރިފުޅާ ރަންދީޕްގެ ދަރިފުޅު ބަދަލުކޮށްލިއެވެ.

ވަލްމިކީގެ ދަރިފުޅު ރާޖް، ޔަޝޫ ގާތު ބޭއްވިތަނާ ރާޖްގެ ރުއިމުގެ އަޑުއިވުނެވެ. ރާޖް މަރެއްނުވެއެވެ. ނަމަވެސް ފަހުން ވަލްމިކީ ދެދަރިން ބަދަލެއް ނުކުރެއެވެ. އެވާހަކަ އެންމެންނަށް ސިއްރުކުރީ އޭނާގެ ދަރިފުޅު ރާޖް، މުއްސަނދި ގެއެއްގައި އުޅެ، ދަރިފުޅު ތަނަވަސްވެ އުފަލުގައި އުޅޭނެތީއެވެ. ނަމަވެސް ފަހުން ނަރުސް ސަލްޗޮނާ އަށް އެކަން އެނގި އެއީ ރަނގަޅު ގޮތް ނޫންކަމަށް ބުނެ އަސްލު ރަންދީޕަށް ލިބުނު ދަރި އޭނާގެ ގާތަށް ގެންދަން މަސައްކަތްކުރެެއެވެ. ނަމަވެސް އެކަމަށް ހުރަސް އަޅަނީ ވަލްމިކީ އެވެ. އަދި ވަލްމިކީ އަށް އޮޅިގެން ނަރުސް ބެލްކަނިން ވައްޓާލެވެއެވެ. ނަރުސް ކޯމާ އަކަށް ދިޔައެވެ. އެންމެފަހުން ބޮޑު ސިއްރު ހަމައެކަނި އެނގޭ މީހަކަށް ވަލްމިކީ ވިއެވެ.

އޭގެ 25 އަހަރުފަހުން ރާޖް، ޖިންދަލްގެ ގޭގައި އުފަލުގައި އުޅޭއިރު ބަންޓޫ އުޅުނީ ވަލްމިކީ އާއެކު އުފާވެރި ދިރިއުޅުމެއް ނޫނެވެ. ބައްޕަ ވަލްމިކީ ދެކެ ނަފްރަތުކުރާއިރު ވަލްމިކީ ވެސް ބަންޓޫ އާއި ދޭތެރޭ ކަންތައްކުރަނީ ރަނގަޅަކަށް ނޫނެވެ. އަމިއްލަ ދަރި ނޫންވީމަ ކަންނޭނގެއެވެ. ނަމަވެސް އެކަމެއް ރަންދީޕަަކަށްވެސް ބަންޓޫ އަކަށްވެސް ނޭނގެއެވެ. ބަންޓޫ އަކީ ކަންކަމާ ވަރަށް ކެރިގެން ކުރިމަތިލާ މީހެކެވެ. ލޯޔަރުންގެ އޮފީހަކުން ބަންޓޫ ވަޒީފާ ހޯދީ އެތަނުގެ ބޮސް ސަމާރާ، އިމްޕްރެސްކޮށްލުވުމަށްފަހުއެވެ. ބަންޓޫ އަށް ވަޒީފާ ލިބުނުތަނާ ބޭރު ގައުމަކުން ކިޔަވައި ނިންމުމަށްފަހު ރާޖް ގެއަށްް އާދެއެވެ.

ރަންދީޕްގެ އާއިލާ އަކީ ވަރަށް މުއްސަނދި ޝަހުސިއްޔަތު ވަރުގަދަ ބައެއް ކަމުން ވަރަށް ގިނަ ވިޔަފާރިވެރިންގެ ނުރުހުން އެ އާއިލާ އަށް އަމާޒުވެއެވެ. ވިޔަފާރިވެރިޔާ ސަރަންގް، ރަންދީޕަށް ވިޔަފާރި ހުށައެޅުމެއް ހުށައަޅައެވެ. ނަމަވެސް ރަންދީޕް އެ ހުށައެޅުން ގަބޫލުކުރާކަން ބޭނުމެއް ނުވެއެވެ. ސަރަންގު އާއި ބައްދަލުކުރަން އޭނާގެ ދަރިފުޅު ރާޖް އޭނާގެ ގާތަށް ފޮނުވައެވެ. ނަމަވެސް ރާޖް އަކީ ވަރަށް މީހުންނާ ނުގުޅޭ، އެއްވެސް ކަހަލަ ޝަހުސިއްޔަތެއް ހުރި މީހަކަށް ނުވުމުން ސަރަންގް އާއި މުއާމަލާތްކުރެވޭ ގޮތެއް ރާޖް އަކަށްނުވިއެވެ. ރަންދީޕް އަބަދުވެސް ބޭނުންވީ އޭނާގެ ވިޔަފާރީގައި ބޭނުންހިފޭ، ޖެހިލުން ކުޑަ ދަރިއެކެވެ. ނަމަވެސް ރާޖް އަކަށް އޭނާގެ އުންމީދެއް ފުރިހަމައެއް ނުކޮށްދެވެއެވެ.

ސަމާރާ ރެސްޓޯރެންޓެއްގައި އިންދާ އޭނާގެ ކްލައިންޓެއް އެތަނަށް އައިސް އޭނާ އަށް ޖިސްމާނީ ގޮތުން އަނިޔާކުރެއެވެ. އެތަނަށް ބަންޓޫ އަށް އާދެވެއެވެ. އިސާހިތަކު އެ ކްލައިންޓުގެ ގައިގައި ބަންޓޫ ޖަހައި އޭނާ އެތަނުން ބޭރުކޮށްލައެވެ. އެ މަންޒަރު ރަންދީޕަށް ފެނެއެވެ. ރަންދީޕް ބޭނުންވީ ބަންޓޫ ކަހަލަ ކަންތައްތައް ކުރަންެކެރޭ ފިރިހެން ކުއްޖެކެވެ. އެހިސާބުން ސަމާރާ އާއި ބަންޓޫގެ ލޯބީގެ ގުޅުމުގެ ވާހަކަ ފަށައެވެ.

ސަރަންގް ގެ ވިޔަފާރި ޑީލް އަށް ރަންދީޕް އިންކާރުކުރުމުން ރަންދީޕް މަރާލަން ސަރަންގް މަސައްކަތްކުރެއެވެ. ނަމަވެސް ބަންޓޫ އާއި ރަންދީޕް ދިމާވެ އެ ހާދިސާ އިން ރަންދީޕް ސަލާމަތްކުރިއެވެ. ވަގުތުން ރަންދީޕް ގޮވައިގެން ބަންޓޫ ހޮސްޕިޓަލަށް ދިޔައެވެ. އެވަގުތު ނަރުސް ސަލްޗޮނާ ވެސް ކޯމާއިން ބޭރުވެ ވޯޑަށް ލުމަށް އެހެން ނަރުހުން ތައްޔާރުވަމުން ދިޔައެވެ. ސަލްޗޮނާ އަށް ރަންދީޕް އާއެކު ބަންޓޫ ފެނެއެވެ. އަދި ފަހުން ވަލްމިކީ އާއި ރަންދީޕްގެ އާއިލާ އެކުގައި ފެނެއެވެ. ފަހު ނޭވާގައި އޮވެގެން ނަރުސް ސަލްޗޮނާ، ބަންޓޫ އަށް ހަގީގަތް ކިޔައިދިނެވެ. ބަންޓޫގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހުނެވެ. ފިލްމުގައި ދެން ކަންތައްތައް ވެގެންދާނެ ގޮތް ނުކިޔައިދޭނަމެވެ. ފިލްމު ބެލުމަށް ނެޓްފްލިކްސް އަށް ވަދެލާށެވެ. ކަންތައްތައް ވެގެންދާގޮތް އޭރުން އެނގޭނެއެވެ. ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދިޔަ މި ފިލްމަކީ ކުރުގޮތަކަށް ބުނާނަމަ ވަރަށް ލޯބި ފިލްމެކެވެ. ކާރްތިކް ފިލްމެއްގައި އުޅޭނަމަ ނުހީ ނުދާނެ ކަން އެންމެންނަށްވެސް އެނގޭނެއެވެ.