ރިޔަސީ އިންތިހާބުގައި ވޯޓުލާ އިރު، ދާއިމީ އެޑްރެސް އޮތް ރަށް ނޫން އެހެން ތަނެއްގައި ހުރެ ވޯޓު ލާ ނަމަ، އިލެކްޝަން ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ރީ-ރެޖިސްޓްރީ ވުމަށް ފޯމު ހުށަހަޅާނެ ގޮތް އީސީ އިން ކިޔައިދީފިއެވެ.

އޮންލައިންކޮށް ރީ-ރެޖިސްޓާ ކުރާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 31 އާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އޮންލައިންކޮށް ރީ-ރަޖިސްޓަރީ ކުރަން ބޭނުންވާ ނަމަ ފޯނުގެ ބްރައުސާ ހުޅުވާލުމަށް ފަހު "form.elections.gov.mv" ޖަހައި އެ ޕޯޓަލްއަށް ވަދެ ފުރަތަމަ ޖެހޭނީ ބޭނުންކުރާ ފޯން ނަންބަރު ރަޖިސްޓާ ކުރަން ކަމަށެވެ. އެ ގޮތުން ސްކްރީނަށް އަރާ ގޮޅީގައި މޯބައިލް ނަންބަރު ލިޔުމުން އެ ނަންބަރަށް އޯޓީޕީ ކޯޑެއް ލިބޭނެ ކަމަށާއި ލިބޭ އޯޓީޕީ ނަންބަރު ޖަހުމުން ދެން ސްކްރީނުން ފެންނާނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޖަހަން ކަމަށް އީސީ އިން ބުނެއެވެ.

އެ ސްކްރީންގައި އެމީހެއްގެ އައިޑީކާޑު ނަންބަރު ޖެހުމަށް ފަހު ސާޗް ފިތަށް ފިތާލުމުން ރީ-ރެޖިސްްޓްރޭޝަން ފޯމް ފެންނާނެ ކަމަށް އީސީ އިން ބުނެއެވެ. އަދި އެ ފޯމުގެ ހުރިހާ ބައިތަކެއް ފުރިހަމަ ކުރުމަށާއި އޭގެތެރެއިން އީމެއިލް ބޭނުން ނުކުރާ ނަމަ އީމެއިލް ޖަހަން އިން ގޮޅި ނުފުރާ ދޫކޮށްލެވޭނެ ކަމަށް ވެސް އީސީ އިން ބުނެއެވެ.

އެ ފޯމު ހުށަހަޅާ އިރު ދިވެހި ރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަން ޖެހެއެވެ. އެބައި ފުރިހަމަ ކުރާ އިރު، އައިޑީކާޑުގެ ދެފުށް އެއް ސަފްހާއިން ފެންނާނެ ގޮތަށް އައިޑީކާޑުގެ ކޮޕީ ހުށަަހަޅާނީ ޕީޑީއެފް ފޯމެޓަށް ކަމަށް އީސީ އިން ބުނެއެވެ.

މީގެ އިތުރުން އެ ފޯމްގެ އެންމެ ފަހު ބަޔަކަށް އަންނާނީ ފޯމު ހުށަހަޅާ ފަރާތުގެ ފޮޓޯއެއް ނަގައި ހުށަހެޅުން ކަމަށާއި އެ ފޮޓޯ ކެމެރާއިން ނުވަތަ ވެބް ކެމެރާ މެދުވެރިކޮށް ނަގާ އިރު ސާފު ފޮޓޯއެއް ފޮނުވުމަށް އީސީ އިން ބުނެއެވެ. ފޯމް އެއްކޮށް ފުރިހަމަކޮށް ނިންމައި، ހުށަހެޅުމުން 1414 އިން އީސީ ޕޯޓަލް އަށް ރަޖިސްޓްރީ ކުރި ނަންބަރަށް މެސެޖެއް ލިބޭނެ ކަމަށް އީސީ އިން ބުނެއެވެ. އެ އެސްއެމްއެސްގައި ވާ ލިންކް މެދުވެރިކޮށް ހުށަހެޅި ފޯމްގެ މަސައްކަތް ގޮސްފައިވާ ހިސާބު ބަލާލެވޭނެއެވެ.

އަދި ރީ-ރެޖިސްޓްރީ ވާން ހުށަހަޅާ ފޯމް ފުރިހަމަވެއްޖެ ނަމަ ނުވަތަ ބަލައިނުގަންނަ ނަމަ އެކަން އެސްއެމްއެސް އަކުން ރަޖިސްޓްރީ ކުރި ނަންބަރަށް ފޮނުވާނެ ކަމަށް އީސީ އިން ބުނެއެވެ.