ކުރިއަށް އޮތް ފަސް އަހަރުގެ އިތުރު ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، މ. އަތޮޅުގެ ވެރިރަށް މުލީގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އަޅައިދިނުމަށާއި، އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްދެއްވާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މިހާރުގެ ރައީސް މުއްޔަށް ވަޑައިގެން އެ ރަށުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މި ދައުރުގައި މިހާރު ފަށައި ކުރިއަށްދާ މަޝްރޫއުތައް ނިންމުމަށް މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށާއި، އެ މަޝްރޫއުތައް ނިމުމުން، ތަރައްގީގެ އެހެނިގެން މަޝްރޫއުތަކައިގެން ކުރިއަށް ދާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހާލަތާއި އަޅާ ކިޔުއްވައި ރައީސް ވިދާޅުވީ، ޔާމީންގެ ސަރުކާރުގައި ގައުމު އޮތް ހާލަތާ އަޅާ ބަލާއިރު، މި ވެރިކަމުގައި ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ ކަމަށެވެ. އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، ކުރިއަށް އޮތް އިންތިހާބުގައި ވޯޓުލުމުގެ ކުރިން މިފަދަ ކަންކަމާ މެދު ވިސްނުމަށް މުލީ މީހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، މުލީގައި ފަށާފައިވާ، އަދި އެ ރަށަށް ކަނޑައަޅާފައިވާ ބައެއް މަޝްރޫއުތަކަށް އަލިއަޅުވާލައްވައިފައެވެ. އެގޮތުން:

  • މ. އަތޮޅު އެއާޕޯޓުގެ މަޝްރޫއު: އެ މަޝްރޫއުގެ 70 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށާއި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އެއާޕޯޓު ހުޅުވައި ފްލައިޓު ޖެއްސޭ ވަރު ކުރުން ކަމަށް ވިދާޅުވި
  • މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅާލުން، އެކަމުގެ ސަބަބުން ނާލާފުށީ މީހުންނަށް ހިދުމަތް ހޯދުމަށް ފަސޭހަވެ، ހަރަދުތައް ކުޑަވެގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި
  • އާ ހޮސްޕިޓަލެއް އަޅައި ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުން، ރައީސް ވިދާޅުވީ މުލީ ހޮސްޕިޓަލްގެ މަޝްރޫއު ވަނީ މިހާރު ޓެންޑާ އަށް ހުޅުވާލެވިފައި ކަމަށް
  • މުލީގެ އުމްރާނީ މަސައްކަތްތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، ދެން އޮތީ އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުން ކަމަށް ވިދާޅުވި
  • އަލަށް ހެދޭ ހޮސްޕިޓަލާ އެކު މުލީގައި ރީހެބިލިޓޭޝަން ސެންޓަރެއް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވި

ރައީސް ވިދާޅުވީ، ރާއްޖެ އަށް މި ގެނެވެނީ ބޮޑު ބަދަލެއް ކަމަށާއި، ނަތީޖާއަކަށް ވާނީ ރާއްޖޭގެ އިގްތިސޯދާއި ދައުލަތަށް ލިބޭ އާމްދަނީ ދެ ގުނަ އަށް މައްޗަށް ޖެހި، އާންމުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު ހަލުވިވެ، ފުދުންތެރިވެގެން ދިއުން ކަމަށެވެ.

މީގެ ކުރިން އިިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮތް މ. އަތޮޅުގެ ބޮޑު އަޣުލަބިއްޔަތެއް ކުރިއަށް އޮތް އިންތިހާބުގައި ލިބޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.