މ. ކޮޅުފުށި ކައިރީގައި ރިސޯޓެއް ތަރައްގީ ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މ. ކޮޅުފުއްޓަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރައީސް ސޯލިހައި އެމަނިކުފާނުގެ އަަރިހުގައި ވަޑައިގެންނެވި ވަފްދަށް ކޮޅުފުށީ ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ކޮޅުފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަށްޓަކައި 100 ހައުސިން ޔުނިޓުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، ކުރިއަށް އޮތް ދައުރުގައި އޭގެ ތެރެއަށް 50 ހައުސިން ޔުނިޓް އިތުރުކޮށް ރައްޔިތުން ބޭނުންވާ ވަރަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ނިމިފަައިވާ ކަމަށާއި، ކުރިއަށް އޮތް ދައުރުގައި މަގުތައް ހަދާ ރަށްތަކުގެ ލިސްޓުގައި އެ މަސައްކަތް ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރަށާ ކައިރިން ރިސޯޓް ހެދުމަށްޓަކައި ކުރީ ސަރުކާރުން ވަކި ފަރާތަކަށް އެއް ރަށުގެ ގޮތުގައި 3 ރަށް ދީފައިވާ ކަމަށާއި، މިހާތަނަށް ވެސް އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރީ ސަރުކާރުުން ރަށްތައް ދެމުން ދިޔަ ގޮތް ރައްޔިތުންނަށް އެނގޭ އިރު މިއީ އެއް ރަށުގެ ގޮތުގައި 3 ރަށް ދީފައިވާ ދާއިރާއެއްކަން ވެސް ރައްޔިތުން ދެނަހުރި ކަމަށެވެ. ރައީސް ވިދާޅުވީ ކޮޅުފުށީ ރައްޔިތުން އެދޭގޮތަށް ރަށާ ކައިރިން ރިސޯޓް ތަރައްގީ ކުރައްވާނީ އެމަނިކުފާނުގެ ދައުރުގައި ކަމަށް ވިދާޅުވިއެވެ.
ކޮޅުފުއްޓަށް ކުރެއްވި ދަތުރުފުގައި ރައީސް ވަނީ ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު އަދި ކޮޅުފުށީގައި ނިމިފައި ހުރި މ. އަތޮޅު މަދަރުސާގެ ފަސް ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައެވެ.
ފެނުގެ ނިޒާމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފަށާފައި ވަނީ ނޮވެމްބަރު 28، 2018 ގައެވެ. މި ދެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 300 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އަދި ދައުލަތުގެ ބަޖެޓުން 13.3 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާ ސްކޫލުގެ މަޝްރޫއު ފަށާފައި ވަނީ މެއި 25، 2022 ގައެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހް ދަތުރުފުޅުތައް ފައްޓަވާފައި ވާއިރު ށ. އަތޮޅުގެ ބައެއް ރަށްތަކަށް އަދި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ވަނީ ވަޑައިގެންފައެވެ.
ރައީސްގެ މ ދަތުފުފުޅުގައި މ. ކޮޅުފުށި، ނާލާފުށި، މުލި، މުލަކަށް ވަޑައިގަންނަވާނެއެވެ. އެއަށް ފަހު ވ. އަތޮޅުން ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.