އެމްޑީޕީ ރޫޅާލާނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް އެކަން ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށް އިކޮނަމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
'ދަ ޑިމޮކްރެޓްސް' އަށް ރައީސް ނަޝީދު ސޮއި ކުރެއްވުމަށް އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ އެމްޑީޕީގައި ތިއްބެވި އެމަނިކުފާނުގެ ރަހްމަތްތެރިންނަށް 'އިންޒާރުގެ' މެސެޖެއް ދެއްވާފައެވެ.
އެމްޑީޕީއަށް މިހާރު ވާ ގޮތް ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ، އެ ޕާޓީއަށް މިހާރު ވާ ގޮތަކީ ކަށިކެޔޮގަނޑަށް ވާ ގޮތް ކަމަށެވެ. ފޫވަށް ދިޔައިމާ ކެޔޮގަނޑު ރޫޅޭނެ ކަމަށާއި އެމްޑީޕީ އެ ދަނީ ރޫޅެން ކަމަށެވެ. މިހާރު އެ ކެޔޮގަނޑުގެ ފޫވަށް ވެއްޓިއްޖެ ކަމަށާއި ފޫވަށް ގެއްލިއްޖެ ކަމަށެވެ. އަދި އެ ޕާޓީ އެމަނިކުފާނު ރޫޅާލައްވާނެ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވިއެވެ.
އެވާހަކަތަކަށް ރައްދުދެއްވާ ފައްޔާޒު ވިދާޅުވީ، ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީ އުފައްދާ އެ ޕާޓީގެ ހަމައެކަނި ސިޔާސަތަކީ ނަފްރަތު އުފެއްދުން ކަމަށް ވާ ނަމަ އެކަން ކުރަން ޕާޓީ ހެދިދާނެ ކަމަށެވެ. އެމްޑީޕީ ފުނޑާލުމަކީ ހުވަފެނެއް ކަމުގައިވީ ނަމަވެސް އެކަމެއް ނުކުރެވޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އަދި ޕާޓީ ރޫޅާލާނެ ކަމަށް ވިދާޅުވެ އެފަދައިން އިންޒާރު ދެއްވުމަކީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި ފައްޔާޒު ސިފަ ކުރެއްވިއެވެ.
ފައްޔާޒުގެ އިތުރުން ނަޝީދުގެ ވާހަކަފުޅަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ޝަރީފު ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި އިދިކޮޅު ފަރާތްތަކާ ގުޅިގެން ނަޝީދު ކުރެއްވި މަސައްކަތަކީ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރުމަށާއި އެމްޑީޕީ ފުނޑުފުނޑު ކޮށްލަން ކުރެއްވި މަސައްކަތްތައް ކަމަށެވެ. އަދި މިހާރު އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ވެސް ގެއްލޭއިރު އެމްޑީޕީ ރޫޅާލަން ކުރެއްވޭނެ ކަމެއް ނޯންނާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ތާރީހުގައި ކަންކަން ވެފައި އޮތްގޮތަށް އިޝާރާތް ކުރައްވާ ޝަރީފު ވިދާޅުވީ ނަޝީދުގެ ޕާޓީ، ދަ ޑިމޮކްރެޓްސް ވެގެން ދާނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ، އެމްއާރުއެމް ފަދަ ކުޑަ ކުޑަ ޕާޓީއަކަށް ކަމަށެވެ. އެގޮތުން، މިހާރު މަޖިލީހުގައި އެމްޑީޕީ ޓިކެޓުގައި ހޮވިގެން ތިބި ޑިމޮކްރެޓްސްގެ ގިނަ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފު އިތުރަށް ވިދާޅުވީ، ކޮންމެ ސިޔާސީ ލީޑަރެއްގެ ތަރި އަރާ އޮއްސޭ ބީދައިން ނަޝީދުގެ ތަރިވެސް އޮއްސެމުން ދާ ކަމަށެވެ. އަދި އެމްޑީޕީގެ ޕްރައިމަރީ ގެއްލުނު ހިސާބަކީ ނަޝީދުގެ ސިޔާސީ ހަޔާތް ނިމުމުގެ ފެށުން ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.