ސްރީލަންކާގެ 'ގޯލްޑަން ގޭޓް ކަލްޔާނީ" ބްރިޖަށް އަލިކުރަން ހަރުކޮށްފައި ހުރި ރީތި ލައިޓްތައް ބަޔަކު ވަގަށް ނަގައިފި ކަމަށް އެގައުމުގެ އިދާރާތަކުން ބުނެފިއެވެ.

2021 ގައި ހުޅުވި މި ބްރިޖް ދުރުން ފެންނަ އިރު ރެއިންބޯގެ ކުލަތަކުން ދިއްލާފައި ހުންނަތައް މީގެ ކުރިން ފެނެއެވެ. އެގައުމުގެ ލޭންޑްމާކް ނުވަތަ ލަންކާގެ ތަރައްގީ ތަމްޒުކޮށްދޭ މި ބުރިޖުގެ ލައިޓްތައް ވަގަށް ނަގާފައި ވުމުން މިހާރު މަސައްކަތް ނުކުރާ ކަމަށް ވެސް އިދާރާތަކުން ވަނީ ބުނެފައެވެ.

އިދާރާތަކުން ބުނީ، ލައިޓްތައް ވަގަށް ނެގުމުގެ އިތުރުން ކަރަންޓް ކޭބަލްތަކަށް ވެސް ގެއްލުންދީފައި ވާ ކަމަށެވެ.

މި ގެއްލުމާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވަމުން އެގައުމުގެ ރޯޑް ޑިވެލޮޕްމަންޓް އޮތޯރިޓީގެ (އާރުޑީއޭ) ޑައިރެކްޓާ ޖެނެރަލް ވިދާޅުވީ ލިބުނު ގެއްލުން 270 މިލިއަން ރުޕީސް [50 މިލިއަން ދިވެހި ރުފިޔާ] އަށް އަރާ ކަމަށެވެ.

މި ބްރިޖްގެ އިތުރުން ކަތްނަޔަކެ ހައިވޭ އާއި ސެންޓަރަލް ހައިވޭ އާއި ސަދާން ހައިވޭގެ ލައިޓްތަކަށް ވެސް ގެއްލުން ދީފައި ވާ ކަމަށެވެ.

50 ބިލިއަން ރުޕީސް ހަރަދުކޮށްގެން ހެދި ގޯލްޑަން ގޭޓް ބްރިޖުގެ އިތުރުން އެހެން ތަންތާނގައި ހުރި ލައިޓްތައް ވަގަށް ނެގި މައްސަލަ ބަލަމުން ދާ އިރު، އާރުޑީއޭ އިން ބުނީ، މިފަދަ ކަންކަން ހިނގަމުން ދާ އިރު ފެންނަ ނުވަތަ އެނގޭ ފަރާތްތަކުން ކަމާބެހޭ އިދާރާތަކަށް އަންގަމުން ގެންދިޔުމަށެވެ.

ޕެލިޔަންގޮޑާގައި އޮންނަ ކަލްޔާނީ ކޯރުގެ މަތިން ހުރަސް ކޮށް ހަދާފައި ވާ މި ބްރިޖަކީ ޓްރެފިކް ތޮއްޖެހޭ ލަންކާގައި ވެރިރަށް ކޮލަމްބޯއާ ގުޅުވާލަދޭ މުހިންމު ބްރިޖެކެވެ. މި ބްރިޖާއެކު ކަތްނަޔަކެ އިންޓަނޭޝަނަލް އެއާޕޯޓުން ކޮލަމްބޯގެ ތެރެއަށް ދަތުރު ކުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ހުރި ނަމަވެސް ބްރިޖްގެ ބޮޑުމައި މިހާރު އޮންނަނީ އަނދިރި ކޮށެވެ.