މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހުރިހާ ހައްޖުވެރިން އައިސްފިއެވެ.

މިއަހަރު ސައުދީ ސަރުކާރުން ރާއްޖެއަށް 1000 ކޯޓާ ހަމަޖައްސައި ދިންއިރު 4 ޖަމާއަތަކުން މީހުން ހައްޖަށް ވަނީ ގެންގޮސްފައެވެ. ހައްޖަށް ދިޔަ މީހުން މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަން ފަށާފައި ވާއިރު އެންމެ ފަހު ގްރޫޕް މާލެ އައިސްފައި ވަނީ މިއަދެވެ.

މިއަހަރު އެކި ގްރޫޕްތަކުން ހައްޖަށް މީހުން ގޮސްފައިވާ އަދަދު:

  • މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް އިން 870 ހައްޖުވެރިން
  • ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އިން 90 ހައްޖުވެރިން
  • އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އިން 90 ހައްޖުވެރިން
  • އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން 90 ހައްޖުވެރިން

މި އަހަރު ހައްޖަށް ގޮސް އުޅުމުގެ ތެރޭގައި 4 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 72 އަހަރުގެ ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ހަސަން އާއި އުމުރުން 72 އަހަރުގެ ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް އަލީ އާއި 70 އަހަރުގެ ނ. ހޮޅުދޫ، ގާސިމް އިބްރާހިމްގެ އިތުރުން ހއ. ކެލާ، ސީސާންގެ، އުމުރުން 81 އަހަރުގެ އަލީ ގާސިމެވެ.

ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް މި އަހަރު އަލްހަރަމައިން ހައްޖު އެންޑް އުމްރާ އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އަށް ހުއްދަ ދީފައި ވާއިރު ބައެއް ގުރޫޕުތަކުން އިތުރަށް ފައިސާ ނެގި ކަމުގެ ޝަކުވާ ބައެއް މީހުން ވަނީ ކޮށްފައެވެ.

މިދިޔަ އަހަރު ވެސް ރާއްޖެއަށް ލިބުނު 453 ކޯޓާ ފުލްވަންދެން މީހުން ގޮސްފައި ވެއެވެ. ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ކޯޓާ ބެހުމުގައި 353 ޖާގަ ހާއްސަކުރީ، ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާގައި ހައްޖަށް ގެންދާނެ މީހުން ކަނޑައެޅީ، ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގި ގުރުއަތުންނެވެ.