ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރަޖިސްޓްރީވެފައި ވާ ތަން ނޫން އެހެން ތަނެއްގައި ވޯޓު ލުމަށް އޮންލައިންކޮށް ރަޖިސްޓްރީ ވެވޭނީ މިމަހުގެ 29 އާހަމައަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ރީ ރަޖިސްޓްރޭޝަން ހުޅުވާލަނީ މިމަހުގެ 16 އިން ފެށިގެން ގޮސް އަންނަ މަހުގެ 5 އާ ހަމައަށް ކަމަށެވެ.
ނަމަވެސް އޮންލައިންކޮށް ރަޖިސްޓްރޭޝަން ބަލައިގަންނަނީ 16 ވަނަ ދުވަހުން ފެށިގެން ގޮސް މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
މިގޮތަށް ނިންމީ އީސީގެ ސިސްޓަމްތެރެއިން ވެރިފައި ކުރަންޖެހޭ ކަންކަން ވެރިފައި ކުރުމަށާއި ދިމާވެދާނެ އެހެން ޓެކްނިކަލް ކަމެއްގެ ސަބަބުން އެންމެ ފަހު ވަގުތު މީހެއްގެ ވޯޓްދިނުމުގެ ހައްގު ގެއްލުނަ ނުދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އީސީ ވަނީ އެންމެ ފަހު ވަގުތު މަޑުނުކޮށް ރީ-ރަޖިސްޓްރީ ވުމަށް އެދިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 11 އިން 22 އަށް ހުޅުވާލައިފައެވެ. އެ ފުރުސަތުގައި 551 ޝަކުވާ އިލެކްޝަންސް އަށް ލިބިފައިވާއިރު، އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނިގެން 465 ޝަކުވާއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރިޔާސީ އިންތިހާބުގައި ރަށްރަށުގައްޔާއި ރާއްޖޭން ބޭރުގައި ޖުމްލަ 604 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ..