މިއަހަރު ސިނަމާތަކުގައި އެޅުވި ގިނަ ބައެއްގެ ސަމާލުކަން ހޯދައިގަތް ހޮލީވުޑް ފިލްމު "ބާބީ" އަށް ކްރިޓީކުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

އެންމެ ޅައުމުރުން ފެށިގެންވެސް ހުރިހާ އަންހެން ކުދިންގެ މެދުގައި މަގްބޫލު ބާބީ ކެރެކްޓާގެ އަސްލު މީހުން ލައިގެން ފިލްމެއް ހެދުމުން ގިނަ ބަޔަކު އެ ފިލްމު ބެލުމަށް ޝައުގުވެރިކަން އުފެދުނެވެ. މި މަހުގެ 21 ވަނަ ދުވަހު ސިނަމާތަކުގައި ފިލްމު ރަސްމީކޮށް އަޅުވާއިރު ކްރިޓީކުންނަށް ހާއްސަކޮށް ދާދިފަހުން ވަނީ ބާބީ ފިލްމުގެ ސްކްރީނިން އަޅުވައި ފިލްމު ދައްކާފައެވެ. ފިލްމު ބެލި ހުރިހާ ކްރިޓީކުންނެއް ވެސް އިއްތިފާގު ވަނީ ފިލްމުގެ ޕްރޮޑަކްޝަން ޑިޒައިންގެ ފުރިހަމަކަމާ މެދުގައެވެ. ގިނަ ކްރިޓީކުން ވަނީ ފިލްމުގެ ޑައިރެކްޓަރު ގްރެޓާ ގާވިގް އަށް މިވަރުގެ މޮޅު ފިލްމެއް ގެނެސްދިނުމުން ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.

ކްރިޓީކުން ބުނީ ކިތަންމެ މޮޅު ޑައިރެކްޓަރެއް ފިލްމު ޑައިރެކްޓްކުރި ނަމަވެސް ފިލްމުގެ ސްކްރިޕްޓް ކަމުނުދާނަމަ ފިލްމު ކަމަކު ނުދާނެ ކަމަށެވެ. ނަމަވެސް ބާބީ މި ފިލްމަކީ ހުރިހާ ގޮތަކުން ވެސް މޮޅު ފިލްމެއް ކަމަށާއި ފިލްމުގެ ސްކްރިޕްޓް ލިޔުނު ނޮއާ، ވަނީ ވާހަކަ ވަރަށް ތަފްސީލީ ގޮތެއްގައި ގެނެސްދީފައިކަމަށެވެ. އަދި ފިލްމުގެ ޑައިރެކްޓަރު ބޭނުންވާ ގޮތަށް ބާބީގެ ތަރިން ފިލްމު ކުޅެދީފައިވާ ގޮތްވެސް ވަރަށް ހިތްގައިމު ކަމަށް ހުރިހާ ކްރިޓީކުންނެއް އިއްތިފާގުވެއެވެ.

ޖުމްލަ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގައި ބާބީގެ ރޯލުން ފެނިގެން ދަނީ މަޝްހޫރު ބަތަލާ މާގޯ ރޯބީއެވެ. އަދި ކެން ގެ ކެރެކްޓާ ކުޅުނީ ހުނަރުވެރި އެކްޓަރު ރަޔަން ގޯސްލިން އެވެ. މިދެތަރިންގެ އިތުރުން ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ތަރިންނަކީ އެމެރިކާ ފެރެރާ، ސިމޫ ލޫ، ޑުއާ ލިޕާ، އެމަރަލްޑް ފެނެލް، އިސާ ރޭ، ކޭޓް މެކިނަން، މައިކަލް ސެރާ އަދި ވިލް ފެރެލް އެވެ. މި ފިލްމު ރިލީޒްކުރުމަށް އެއް ހަފްތާ އަށް ވެފައިވާއިރު ކްރިޓީކުންގެ އެހާ ބޮޑު ތަރުހީބެއް ލިބުމާއެކު މި ފިލްމު ބަލަން ވަންނަ މީހުންގެ އަދަދު މަތިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ގިނަ ބަޔަކު މި ފިލްމަށް އިންތިޒާރުކުރަމުން އަންނައިރު ލަފާކުރެވޭ ގޮތުގައި ބާބީ ފިލްމުވެގެންދާނީ މިއަހަރު ރިލީޒްކުރާ އެންމެ ކާމިޔާބު އެއް ފިލްމަށެވެ. ގިނަ ބަޔަކު އަންނަނީ މިހާރުވެސް މި ފިލްމު ބެލުމަށް ޕްރީބުކިން ހައްދަމުންނެވެ. ކްރިޓީކުން މި ފިލްމަށް ތާއީދު ކުރިއިރު ދެން އޮތީ ބެލުންތެރިން ދެކޭގޮތެވެ. ބެލުންތެރިންގެ ހިޔާލެވެ.