ގައުމީ އެއާލައިން މޯލްޑިވިއަނުން އޭޓީއާރު މަރުކާގެ އިތުރު ދެ ބޯޓު ގަންނަން ފައިސާ ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.
މޯލްޑިިވިއަން އިން ކުރި އިއުލާނެއްަގއި ބުނީ، އެ ކުންފުންޏަށް އޭޓީއާރު 42-600 މަރުކާގެ ދެ މަތިންދާ ބޯޓު ފޯރުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. މިއީ އޭޓީއާރު ކުންފުންޏާއެކު 42-600 މަރުކާގެ ދެ މަތިންދާ ބޯޓު ގަތުމަށް އޯޑަރު ކޮންފަމޭޝަންގެ އެންމެ ފަހު މަރުހަލާ ކަމަށް ވެސް މޯލްޑިވިއަން އިން ބުނެއެވެ.
އޭގެތެރެއިން އެއް ބޯޓު މި އަހަރުގެ ފަހު ކުއާޓަރުގައި ނިމި، ޑެލިވާ ކުރާނެ ކަމަށާއި އަނެއް ބޯޓު 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ނިމި ޑެލިވާ ކުރާނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
މޯލްޑިވިއަނަށް ގަންނަ އޭޓީއާރު މަރުކާގެ އާ ދެ ބޯޓަށް ފައިނޭންސް ލީސް ކޮށްދޭން ބޭނުންވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މައުލޫމާތު ސާފުކުރުމަށްފަހު 22 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ދާދިފަހުން މޯލްޑިވިއަނުން ވަނީ އޭޓީއާރު މަރުކާގެ ތިން ބޯޓެއް ގެނެސް، އެ ބޯޓުތައް ބޭނުންކުރަން ފަށައިފައެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އަށް އޭޓީއާރު މަރުކާގެ ތިން ބޯޓު ގަންނަން ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު ސޮއިކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.
އެ އެއްބަސްވުމުގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހު ދެ ބޯޓު ރާއްޖެ ގެނެސްފައިވެއެވެ. އެއީ އޭޓީއާރު 600-72 ގެ މުޅިން އާ ދެ ބޯޓެވެ. އެ ދެ ބޯޓުގެ ދަތުރުތައްވެސް ވަނީ ފަށައިފައެވެ. އަދި މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ގެނައީ އޭޓީއާރު 400-72 ގެ މުޅިން އާ ބޯޓެކެވެ.