ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ގެ ދަށުން ހިންގާ އަށް ޕްރޮޖެކްޓެއްގެ މޮބިލައިޒޭޝަން އެޑްވާންސްގެ ގޮތުގައި 3.5 މިލިއން ރުފިޔާ އިންޑިއާއިން ދޫކޮށްފިއެވެ.

އޮންޑިއާ ހައި ކޮމިޝަނުން ބުނީ، މިއަދު ދޫކުރި ފައިސާއަކީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އިންޑިއާ ސަރުކާރާއެކު ވެވުނު އެއްބަސްވުމާ އެއްގޮތަށް ރާއްޖޭގެ އެކި ރަށްރަށުގައި އުމްރާނީ ތަރައްގީއަށް އަމާޒުކޮށްގެން ހިންގާ ކޮމިއުނިޓީ އޮރިއެންޓެޑް ޕްރޮޖެކްޓްތައް ހިންގުމަށް ދޭން ނިންމި 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ދޫކުރި ފައިސާއެވެ. އެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫތަކުގެ ފައިދާ ސީދާ ދިވެހި މުޖުތަމައުތަކަށް ކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މިއަދު އިންޑިއާ ސަރުކާރުން ދޫކުރި ފައިސާއަކީ އެފަދަ 8 ޕްރޮޖެކްޓެއް ހިންގުމށް ދޫކުރި އެޑްވާންސެކެވެ. އެ މަޝްރޫތަކުގެ ތެރޭގައި ހިމެނެނީ، މާލޭގައި ހުންނަ އާޓްސް ސެންޓަރާއި، ޅ. ހިންނަވަރު އާ ކައުންސިލް އިދާރާ އިމާރާތްކުރުމާއި، ލ. އަތޮޅު އެޑިއުކޭޓާ އޮންސެންޓާގެ ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމާއި، އައްޑޫގެ ހިތަދޫ ބޭރުމަތި ދައިރާގައި އައުޓްޑޯ ޖިމް ތަރައްގީ ކުރުމާއި، އައްޑޫ، ހިތަދޫ ރަސްގެދަރަ ދައިރާގައި އައުޓްޑޯ ޖިމް ތަރައްގީ ކުރުމެވެ. މީގެ އިތުރުން ގދ. ވާދޫގައި އައުޓްޑޯ ޖިމް ތަރައްގީ ކުރުމާއި، ހއ. ދިއްދޫގައި އައުޓްޑޯ ޖިމް ތަރައްގީ ކުރުމާއި، ށ. މިލަންދޫގައި ރަނިން ޓްރެކް ތަރައްގީ ކުރުން ހިމެނެއެވެ.

ރާއްޖޭގައި ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާއިން ޖުމްލަ 361 މިލިއަން ރުފިޔާގެ ހިލޭ އެހީ ކަނޑައަޅާފައި ވެއެވެ. މިވަގުތު އިންޑިއާއިން ދަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި ކަމާބެހޭ ވުޒާރާތަކާއި ލޯކަލް ގަވަމަންޓްތަކާ ގުޅިގެން ރާއްޖޭގެ 20 އަތޮޅެއްގައި 56 މަޝްރޫއެއް ހިންގަމުންނެވެ. މި 56 މަޝްރޫއުގެ ތެރޭގައި ހިމެނެނީ ކުޅިވަރާއި، ތައުލީމާއި، ސިއްހީ ދާއިރާ އާއި، މަދަނީ ވަސީލަތްތަކާއި، މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ސަގާފީ ދާއިރާތަކާ ގުޅުން ހުރި މަޝްރޫއު ތަކެވެ.

މީގެ ތެރެއިން 26 މަޝްރޫއެއްގެ މަސައްކަތް މިހާރު ނިމިފައިވާ އިރު، 6 މަޝްރޫއެއް ވަނީ ނިމުމާއި ގާތްވެފައި ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުނެއެވެ.