ޓެކްނޮލޮޖީ ކުރިއަރާފައި އޮތް ޒަމާނުގައި، ގިނަ ބައެއްގެ ލޯތައް މިވަނީ ޒަމާނާ އެއްގޮތަށް ހުޅުވި، ދިރިއުޅުމުގެ ވައްޓަފާޅިވެސް ބަދަލުވެގެން ގޮސްފައެވެ. ކުރިން އާއިލާގެ މީހަކަށް ބައްޔެއް ޖެހުނު ނަމަވެސް އެ ބައްޔަކީ ކޮން ބައްޔެއްކަން ދެނެގަނެވޭނެ މާ ގިނަ ގޮތްގޮތެއް ނުހުރެއެވެ. ނަމަވެސް ޒަމާނަށް އައިސްފައިވާ ބަދަލާއި ޑޮކްޓަރުންގެ އެހީތެރިކަމާއެކު މީހާ އަށް ޖެހިފައި ހުންނަ ބައްޔަކީ ކޮންކަހަލަ ބައްޔެއްކަން އެނގި ހާމަވެއެވެ. އަދި އަމިއްލަ އަށް ވެސް އެ ބައްޔަކީ ކޮބައިކަން ދެނެގަންނަން މަސައްކަތްކޮށް އެ ބަލީގެ ތަފްސީލު އިންޓެނެޓުން ހޯދާލެވެއެވެ. ބައެއް ކަހަލަ ޑިސްއޯޑާ/ބަލިތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމު ބަލިތަކަށް ވީނަމަވެސް ރާއްޖޭގައި އެހާ އާންމު ބަލިތަކެއް ނޫނެވެ. އޭގެ ސަބަބުން އެފަދަ ޑިސްއޯޑާ ހުންނަ ކުދިން އުޅޭ މާހައުލުގައި ތިމާގެ އުޅުން ބަހައްޓަންވާ ގޮތާއި އެފަދަ ކުދިންނަށް އަޅާލާ އެހީތެރިވާނެ ގޮތްތައް ނޭނގޭ ފަހަރުވެސް އާދެއެވެ. މި ލިޔުމުގައި ބަލައިލާނީ ޓޮރެޓް ސިންޑްރޯމް ޑިސްއޯޑާ އަށެވެ.

ޓޮރެޓް ސިންޑްރޯމް އަކީ އިންސާނާގެ ނާރުތަކަށް ދިމާވާ މައްސަލައެކެވެ. މި ޑިސްއޯޑާގެ ސަބަބުން މީހާގެ އުޅުމަށާއި މީހާގެ ހަރަކާތްތަކަށް އަންނަ ބަދަލު އަންނަ ގޮތް ދިމާވެއެވެ. އެ ކަމުގެ ސަބަބުން ކުއްޖާއަށް އިހްތިޔާރުން ބޭރުގައި އެކި ހަރަކާތްތައް ކުރެވި އިހްތިޔާރުން ބޭރުގައި އަނގައިން އެކި ކަހަލަ ބަސްތައް ނުކުމެއެވެ. އާންމުކޮށް މި ޑިސްއޯޑާ ފެނިގައި ވަނީ ފިރިހެނުންގެ ކިބައިންނެވެ. ޓޮރެޓްސްގެ ސަބަބުން މީހާ އަށް އިހްތިޔާރުން ބޭރުގައި ކުރެވޭ ހަރަކާތްތަކަށް ކިޔާ އުޅޭ ނަމަކީ ޓިކްސް އެވެ. ކޮންމެ މީހެއްގެ ޓިކްސް ތަފާތުވެ މި ޑިސްއޯޑާގެ ސަބަބުން ބައެއްފަހަރު އަނގައިން ނޭދެވޭ ބަސްތައް ބޭރުވާ ފަހަރުވެސް އާދެއެވެ.

ޓޮރެޓްސްގެ ވައްތަރުތައް

  • މޯޓަ ޓިކްސް

މޯޓަ ޓިކްސް އަކީ ނޭނގި މީހާއަށް ކުރެވޭ ހަރަކާތްތަކެވެ. މޫނު، ކަރު، އަނގަ، ބޯ، ލޯ، ކޮނޑު އަދި ފައިގެ ހަރަކާތްތަކަށް އަންނަ އިތުރު ހަރަކާތްތަކަށް މޯޓަ ޓިކްސް ކިޔާ އުޅެއެވެ. މިސާލަކަށް އަތްޖެހުން، ލޯ މެރުން، ދަތް އެޅުން އަދި އިސްތަށިގަނޑަށް ދެމުން ހިމެނެއެވެ. މޯޓަ ޓިކްސް އަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އަމިއްލަ އަށް ކުރެވޭ ހަރަކާތްތައް އަލުން ތަކުރާރުކުރެވި އެހެން މީހުން ކުރާ ކަންތައްތައް ކޮޕީ ކޮށްލުމެވެ.

  • ވޯކަލް ޓިކްސް

ވޯކަލް ޓިކްސް އަކީ އިހްތިޔާރުން ބޭރުގައި މީހާއަށް ލެއްވޭ އެކި ކަހަލަ އަޑުތަކެވެ. މިސާލަކަށް ބަސް ބަސް ކިޔުން، ރާގު ލައްވާލުން އަދި ހަޅޭއްލެވުން ހިމެނެއެވެ. ވޯކަލް ޓިކްސް އަކީ އަމިއްލަ މީހާ އަށް ކިޔޭ ބަސް ނުވަތަ ޖުމްލަ ތަކުރާރުކޮށް ކިޔުމެވެ. އަދި އެހެން މީހެއްގެ ބަހެއް ނޫނީ ޖުމުލައެއް ކޮޕީކޮށްލުމެވެ. އާންމު ދިރިއުޅުމުގައި ވެސް މީހުން ރާގު ލައްވައި ހަމަ ހުރެލާފައި ހަޅޭއްލަވައި ލުމަކީ ކޮށް އުޅޭކަމަކަށް ވިނަމަވެސް މި ކަންތައްތަކަކީ މީގެ އިހްތިޔާރަކާއި ނުލައި ކުރެވޭ ހަރަކާތްތަކެކެވެ.

ޓޮރެޓްސް އަކީ ދާއިމީ ޑިސްއޯޑާއެކެވެ. ހަރަކާތްތައް ކޮންޓްރޯލް ކުރުމަށް ބޭސް ދެވުނަސް ޓިކްސް އެއްކޮށް ފިލައިގެން ނުދެއެވެ. އާންމު ގޮތެއްގައި މި ޓިކްސް އުފެދެނީ ކުއްޖާގެ އުމުރުން 2 އާ 18 އަހަރާ ދެމެދުގައެވެ. ނަމަވެސް އާންމު ދިރިއުޅުމަށް އަންނަ ބަދަލުގެ ސަބަބުން ޓިކްސް އައުމަކީ ޓޮރެޓްސް އަށް ޑައިގްނޯސް ވުމެއް ނޫނެވެ. ދިރިއުޅުމުގައި ސްޓްރެސްވެ، އިމްތިހާނެއް ކުރިއަށް އޮތުމުން ހާސްވެ ކަންބޮޑުވެއްޖެ ނަމަ ބައެއް ހާލަތްތަކުގައި ޓިކްސް އާދެއެވެ. ހަމައެއާއެކު އެންޒައިޓީ ޑިސްއޯޑާ ހުންނަ މީހުންނަށްވެސް ޓިކްސް އައުން އެކަށީގެންވެއެވެ. ނަމަވެސް ޓޮރެޓްސް އަށް ޑައިގްނޯސް ވާނީ ޓިކްސް އުފެދޭތާ އަހަރެއް ވުމާއެކު އެ އަހަރުތެރޭގައި މަދުވެގެން އެއް ވޯކަލް ޓިކް އައުމުންނެވެ. މި ޑިސްއޯޑާގެ ސަބަބުން މީހާގެ ސިކުނޑިއަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ.

ޓިކް އެޓޭކަކީ ކޮބާ؟

ޓިކް އެޓޭކަކީ ވޯކަލް އަދި މޯޓަ ޓިކްސް އެއްފަހަރާ އެއްކޮށް އައިސް ގިނަ ވަގުތުތަކަށް އެކަން ދެމިގެން ދިޔުމެވެ. މާނައަކީ ޓިކް އެޓޭކެއް 15 މިނެޓަށް ބައެއް ފަހަރު ދެމިގެން ދާއިރު އަނެއްބައި ފަހަރަށް 2 ގަޑިއިރުގެ މުއްދަތަކަށްވެސް ދެމިގެން ދިޔުމެވެ. ޓިކް އެޓޭޖެއް ޖެހުމަށް މެދުވެރިވަނީ މާބޮޑަށް ކަމަކާ ހާސްވެ، އަދި އުފާވުމުންނެވެ. އަދި ބައެއް ހާލަތްތަކުގައި މާ ބޮޑަށް މީހާ ދެރަވުމުންވެސް ޓިކް އެޓޭކެއް ޖެހިދާނެއެވެ.

ޓިކް އެޓޭކެއް ޖެހުމުން އެހީތެރިވާނީ ކިހިނެއް؟

  • ރައްކާތެރި މާހައުލަކަށް ގެންދިޔުން

ގަބޫލުކުރަން އުނދަގޫވިޔަސް ޓިކް އެޓޭކެއް ކޮންމެ ވަގުތަކުވެސް ޖެހިދާނެއެވެ. މަގުމަތީގައި ހިނގާލާފައި ދާއިރުވެސް ޓިކް އެޓޭކެއް ޖެހިދާނެއެވެ. އެހެންވުމުން އެ މީހާ ރައްކާތެރި މާހައުލަކަށް ގެންގޮސްދިނުމަށް އެހީތެރިވެ، މީހާއަށް ރައްކާތެރިކަން އިހުސާސްކުރެވޭ ތަނަކަށް ގެންދިޔުން މުހިއްމެވެ. އަދި އެމީހަކަށް އެވަގުތު ބޭނުންވަނީ ކޮންކަމެއްތޯ ބެލުމަށްފަހު އެކަމެއް ކޮށްދިނުން މުހިއްމެވެ.

  • ޓިކް އެޓޭކްގެ ވާހަކަ ނުދެއްކުން

މި ޑިސްއޯޑާ ހުންނަ މީހުންނަށް ޓިކް އެޓޭކެއް އައުމުން ހަށިގަނޑަށް ވަރަށް އުނދަގޫވާނެއެވެ. ކައިރީގައި ހުންނަ މީހާ ކަންބޮޑުވެ ހާސްވެ އުޅޭނަމަ އެޓޭކް ޖެހޭ މީހާވެސް ހާސްވެ އެޓޭކެއް ދިގުދެމިގެން ދިޔުމަށް މަގުފަހިވެދާނެއެވެ. އޭގެ ބަދަލުގައި އެމީހާގެ ވިސްނުން އެހެން ދިމާލަކަށް ބަދަލުކޮށް ކޮންމެވެސް އެހެން ވާހަކައެއް ދެއްކުމުން އެ މީހާއަށް ފަސޭހަވެ އެޓޭކް ދެމިގެންދާ މުއްދަތު ކުރުވެގެންދާނެއެވެ. މިފަދައިން ކަންތައްތައް ކުރެވޭނީ މި ކަމުގެ ސައްހަ މައުލޫމާތު ލިބިގެންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލި އާންމުވުމާއެކު އެ ގައުމުގެ މީހުން މި ކަމަށް ވަރަށް ހޭލުންތެރިއެވެ. ރާއްޖޭގައި ވެސް މިފަދަ ކޭސްތައް އުޅޭއިރު، ވިސްނަންވީ މިކަމަށް ހޭލުންތެރިވެ މި ކަމުގެ ސައްހަ މައުލޫމާތު ހޯދުމަށެވެ. އޭގެ ސަބަބުން އެފަދަ ކުދިންނަށް އެހީތެރިވުމަށް ފުރުސަތު ލިބިގެންދާނެއެވެ. މިފަދަ ކުދިން މުޖުތަމައުން ބާކީނުކުރުމަށެވެ.