ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ކެންޑިޑަސީ ފޯމް ހުށަހަޅަށް ފަށަން 13 ދުވަހަށް ވެފައި ވާ އިރު، މިއަދުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، "މި އިންތިހާބަކީ އެއްބުރުން މިހާރު ވެސް ނިމިފައި އޮތް އިންތިހާބެއް" ކަމަށެވެ.

ރައީސް އެ ޖެއްސެވީ، ވާދަވެރި އަދި އެކުނުވާ ވެރިންގެ "ބޮލުގަ" އެވެ.

އެމްޑީޕީގައި ތިބި 55،035 މެންބަރުންނާއި އެމްޑީއޭގައި ތިބި 10،277 މެންބަރުންނާއި އަދާލަތު ޕާޓީގައި ތިބި 9،595 މެންބަރުންނާ އެކު ޖުމްލަ 77،907 މެންބަރުންގެ ފުޅާ ކޯލިޝަނާއެކު ރައީސް ސޯލިހު ވެރިކަމަށް ނިކުމެވަޑައިގެންފައި ވާ އިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމް އާއި، 3 ވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖޭޕީ އާއި، އަލަށް އުފަންވާ ޑިމޮކްރެޓްސް އާއި އެމްއެންޕީ އޮތީ 1 ކެންޑިޑޭޓެއްގެ ފަހަތުގައި ނިކުމެވޭ ވަރަށް ވުރެ ދުރުގައެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދުތައް؛ (އެމްޓީޑީ އާއި އެމްއާރުއެމް ނުހިމަނައި)

  • އެމްޑީޕީ – 57،660
  • ޕީޕީއެމް 38،704
  • ޖޭޕީ 22،607
  • އެމްޑީއޭ 10،386
  • އެމްއެންޕީ 9،838
  • އަދާލަތު 9،786
  • ޕީއެންސީ 3،159

ޕީޕީއެމް އިން ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައި ވާ ރައީސް އަބްދުﷲ ޔާމީން 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުމާއި، މިހާރުވެސް ކޯޓުގައި ކުރިއަށް ދާ މައްސަލަތަކާއެކު އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާއިރުވެސް މިނިވަން ވާނެ ކަމާމެދު ޝައްކެވެ. ރާއްޖެގެ ޝަރުއީ ނިޒާމު ހިނގަމުން ދާ ގޮތުން އޯވަނައިޓަކުންވެސް މިނިވަން ވުމަކީ ދުރުގައި އޮތް ކަމެއް ނޫން ނަމަވެސް އެ އުއްމީދެއްގައި ޕީޕީއެމް އޮތީ ފިތިފައެެވެ. ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި ވެސް ލީޑާޝިޕުން އިތުރު އެއްވެސް ބޭފުޅަކަށް ކުރިމަތިލައްވަން ނުމެ ކެރިވަޑައިގަންނަވާ ތާނގައި އެ ޝައުގުވެރިކަން ފާޅުކުރައްވާން ކެރިވަޑައިގަންނަވާ ލީޑަރަކުވެސް ނެތެވެ. ކުރުކޮށް ބުނާ ނަމަ މިއީ ޕީޕީއެމްގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައި އޮތް ނާޒުކު ވަގުތެކެވެ.

ރައީސް ޔާމީނަށް ނިކުމެވަޑައިނުގެންނެވި ޕީޕީއެމް އިން ކެންޑިޑޭޓަކު ނުދެއްވި އޮޔާދާން ދޫކޮށްލުމަކީ ޕީޕީއެމްގެ މެންބަރުންނާ މެދު ވެވޭ ވަރަށް ބޮޑު ބޭއިންސާފަކަށް ވާނެއެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އަދި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީއެކޭ އެއްގޮތަށް ދިރިދެމިއޮތް އެހެން ޕާޓީއެއް ނެތެވެ. ދަފްތަރުގައި 3 ވަނަ އަށް މެންބަރުން ގިނަޔަސް ޖޭޕީ އަކީ އަތުން ގުނާލައި ދެތިން އަތޮޅެއްގައި ނޫނީ މެންބަރުން ތިބި ޕާޓީއެއް ނޫނެވެ. އެންއެމްޕީގެ ޅަ ކަމާއެކު އެޕާޓީގެ ދާއިރާތައް ވެސް ހުރީ ލިމިޓް ވެފައެވެ. ނުވަތަ ބައެއް ސަރަހައްދުތަކުގައެވެ. އަރަމުން އަންނަ ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި އެމްޑީޕީގެ މެންބަރުން ތިބި ހުރިހާ ރަށަކުން އެތިކޮޅެއް ހޯދާފައި ވިޔަސް ވެރިކަން ހޯދޭނެ އަދަދެއް ހަމައެއް ނުވެއެވެ.

އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު (ކ)، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ހޯމް މިނިސްޓަރު އަދި އަދާލަތު ފާތީގެ ރައީސް އިމްރާން އަބްދުﷲ (ވ)

އިންތިހާބު އޮތީ 1 ބުރުން ނިމިފައި ކަމަށް ރައީސް ސޯލިވު ވިދާޅުވަނީ ކީއްވެ؟

އެމްޑީޕީ ކޯލިޝަން ފިޔަވައި އިދިކޮޅު ކޮންމެ ޕާޓީއަކީ އެ ޕާޓީއެއް ތަމްސީލު ކުރާ ކެންޑިޑޭޓެއް ނެރެން ނިންމާފައިވާ ޕާޓީއެކެވެ. ޕީޕީއެމްވެސް، ޖޭޕީވެސް، އެމްއެންޕީވެސް އަދި ޑިމޮކްރެޓްސް ވެސް ވާދަ ކުރަނީ ވަކިންނެވެ. ކޮންމެ ކެންޑިޑޭޓެއްގެ މެނިފެސްޓޯއެއް އެބައޮތެވެ. އުޑާ ބިމާހާ ތަފާތު ވައުދުތަކެވެ. އެހެން އޮތް ހާލަތެއްގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެއިން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓާއި 1 ވޯޓު ލިބޭކަށް ނެތެވެ. މެންބަރުން އެ އަދަދަށް ނެތި، ކިތަންމެ އުއްމީދެއް ކުރިޔަސް ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރެއްވޭނެ ހަމަ އެއްވެސް ކެންޑިޑޭޓެއް ނެތެވެ.

ކޮންމެ އިންތިހާބާކާ ގުޅިފައި އޮންނަ ފައިސާ ނުވަތަ މާލީ އެހީއަށް ބެލިނަމަ ވެސް އިދިކޮޅު ކެންޑިޑޭޓުން ކުރާ ހަރަދުގެ 6 ގުނަ މިވަގުތަށް ކުރެވެން އޮތީ ރައީސް ސޯލިހަށެވެ. ސަރުކާރުގެ ވަސީލަތްތަކާއި އެނޫން އިންތިޒާމުތަކުގެ ތެރެއިން ރައްޔިތުން އެދޭ ކަންކަން ހާސިލުކޮށްދެވެން ވެސް އޮތީ ރައީސް ސޯލިހަށެވެ. ވަޒީފާ ދިނަސް، ހުސްނުވާ އާސަންދަ ދިނަސް، ކިޔެވުމަށް މާލީ އެހީ ދިނަސް، ބޯހިޔާވަހިކަމާއި ގޯތި ދިނަސް ދެވެން އޮތީ ރައީސް ސޯލިހަށެވެ. އެއީ ސަރުކާރު އޮތީމައި އިދިކޮޅު ކެންޑިޑޭޓުންގެ މައްޗަށް ރައީސް ސޯލިހަށް އޮތް އެޑްވާންޓޭޖެކެވެ.

ދެން އޮތީ އިދިކޮޅު ކެންޑިޑޭޓުން ވަކިވަކިން ވާދަ ކުރާނީ ލިބޭނެ ވޯޓުގެ އަދަދައް ބެލުމެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުުގެ ހައްގު ލިބިގެންވާ 282،757 މީހުން ތިބި އިރު، ޕާޓީތަކަށް ބެހިފައިވާ ނިސްބަތަށް ބަލާނަމަ ވޯޓު ލިބޭނެ ކަމަށް ފެންނަނީ އަންނަނިވި ގޮތަށެވެ.

  • ރައީސް އަބްދުﷲ ޔާމީން (ކުރިމަތިލެއްވޭނަމަ) – 85،000 ވޯޓު
  • ގާސިމް އިބްރާހިމް – 15،000 ވޯޓު
  • ރައީސް ނަޝީދު – 18،000 ވޯޓު
  • ކާނަލް ނާޒިމް – 8،000 ވޯޓު
  • ޖުމްލަ: 126،000
ޑިމޮކްރެޓްސް އާއި ޕީޕީއެމް މަޝްވަރާ ކުރަނީ

ބާކީ އޮތް 156،757 ވޯޓުގެ ތެރެއިން، ރައީސް ސޯލިހު ހިސާބު ޖައްސަވާ ގޮތުންނަމަ 142،000 ވޯޓު ލިބިވަޑައިގަންނަވާނެއެވެ. ވަކި ގޮތެއް ނުނިންމާ އޮތް 14،757 ވޯޓު ނުހިމެނިޔަސް ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ވާނެއެވެ.

ނިމިދިޔަ 2018 ގެ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަލާ ނަމަ، ވޯޓު ދިނުމުގެ ހައްގު ލިބުނު 262،135 މީހުންގެ ތެރެއިން 233،889 މީހުން ވޯޓުލައިފައި ވާއިރު ވޯޓުނުލައި މީހުންގެ ޖުމްލަ އަކީ 28،246 އެވެ. އެއީ އޭރުވެސް ވަކި ގޮތެއް އިހުތިޔާރު ނުކޮށް ތިބި އާބާދީގެ ތެރެގައި ހިމެނޭ މީހުން ކަމަށް ވާއިރު މި އިންތިހާބުގައި ވެސް ވަކިގޮތެއް އިހުތިޔާރު ނުކުރާ މީހުންގެ އަދަދުތައް ވިހިހާހުގެ ތެރޭގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް ބެލެވެއެވެ.

ރައިސް ވަނީ، "2013 ގައި ރައީސް ޔާމީން ވެރިކަމަށް ނުކުމެވަޑައިގަތް އިރުގައި ޕީޕީއެމްގެ މެމްބަޝިޕަކީ 40،000 ކޮންމެވެސް ވަރެއް. 98،000 ވަރު ވޯޓު ހޯއްދެވި،" ކަމަށާއި އެއީ މިންގަނޑެއް ކަމަށް ބައްލަވާ މޭރުމަކުން މިއަދު ވާހަކަ ދައްކަވާފައެވެ. އެ އަދަދުތަކުން ބަލައިގެން އެމްޑީޕީ އާއި އަދާލަތާއި އެމްޑީއޭ އެއްކޮށްލީމައި ހަމަވާ 77،907 މެންބަރުންނާއެކު 155،814 ވޯޓު ލިބިވަޑައިގަންނަވާނެއެވެ. ޕީޕީއެމްގައި 40،000 މެންބަރުން ތިބެ 2 ގުނަ އިތުރަށް ހޯދާފައި ވާ ފޯމިއުލާ އަކީ ފޯމިއުލާ ކަމަށް ބަލައިފިނަމަ "މާ ރީއްޗަށް ވެސް" އެއްބުރުން ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ. މިހާރުވެސް ޕީޕީއެމް އާއި ޕީއެންސީ އެއްކޮށްލީމައި ވަނީ 41،863 މެންބަރުން ކަމަށް ވާއިރު ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އަދަދު ވެސް ހުންނާނީ ކުރިން ހުރި ހިސާބުގައި ހިފެހެއްޓިފައެވެ.

މި އިންތިހާބު އެއްބުރުން ނިމިފައި އޮތް ކަމަށް ރައީސް އެ ވިދާޅުވަނީ އެހެންވެގެންނެވެ.