އާރްޑީސީއިން ކުންފުނީގެ ހަރަދުތަކާއި ފައިސާގެ މުއާމަލާތް ކުރަމުން ގެންދަނީ ދިވެހިރާއްޖޭގައި ހެދިފައިވާ މާލީ ގާނޫނުތަކާއި ގަވައިދުތަކާއި އަދި ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކާ އެއްގޮތަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން އެހެން ބުނެފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން ގުޅިގެން ޔާސިރުގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ޖަމާކުރި ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އާރްޑީސީ އިން ބުނީ ފައިސާއަށް ހިޔާނާތްތެރި ވުމާއި ބޮޑެތި އަދަދުތަކުން ވައްކަންކޮށް އެއްވެސް މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށް ނުވަތަ އެކައުންޓުތަކަކަށް ކުންފުނީގެ މައި އެކައުންޓުން ފައިސާ ފޮނުވޭނެ އެއްވެސް މަގެއް ނޯންނާނެ ކަމަށެވެ.
ކުންފުނީގެ އެކައުންޓުން ފައިސާ ނެގި ވާހަކަ އާރްޑީސީއިން ދޮގުކޮށްފައި ވާއިރު މޫކޭވެސް ވަނީ މީގެ ކުރިން އެ ވާހަކަތައް ދޮގުކުރައްވާފައެވެ.
އާރްޑީސީގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ބައެއް މީޑިއާތަކުން ހަބަރު ގެނެސްފައި ވީ ނަމަވެސް އެފަދަ އެއްވެސް މުއާމަލާތްތެއް ނުވަތަ އެފަދަ މުއާމަލާތަކާ ގުޅުންހުރި މުއާމަލާތެއް ކުންފުނީގެ އެކައުންޓް އިން އެއްވެސް އިރެއްގައި ހިނގާފައި ނުވާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އާރްޑީސީއިން ބުނީ އެ ކުންފުންޏަކީ ގަވާއިދުން ކޮންމެ އަހަރަކު އޮޑިޓްކުރާ ކުންފުންޏަކަށް ވެފައި މިހާރުވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާއްސަ އޮޑިޓެއް ކުރަމުން ގެންދާ އިރު އެ ކުންފުނީގެ ފައިނޭޝަލް ޕޮލިސީއާ ހިލާފަށް އެއްވެސް ފައިސާގެ މުއާމަލާތެއް ނުވަތަ އެފަދަ އެއްވެސް މައްސަލައެއް ހިންގާފައި ވާކަން ފާހަގަ ކުރެވިފައި ނެތް ކަމަށެވެ.
އެކުންފުނީގެ ފައިސާއާ ގުޅޭ އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުން ދާކަން ނުވަތަ ތަހުގީގު ކުރަން ބޭނުންވާކަމުގެ މައުލޫމާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފުލުހުންގެ ފަރާތުންވެސް އަންގާފައި ނުވާ ކަމަށް އާރްޑީސީ އިން ވަނީ ބުނެފައެވެ. އަދި އާރްޑީސީ އިން ވަނީ ކުންފުންޏާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލު ކުރުމުގެ ނިޔަތުގައި އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ވެސް އިލްތިމާސް ކޮށްފައެވެ.
ބީއެމްއެލްގައި ހުޅުވާފައިވާ އާރުޑީސީގެ މައި އެކައުންޓުން 13.8 މިލިއަން ރުފިޔާ ޖަމާކޮށްފައި ވަނީ އަރްޑީސީގެ ސީއެފްއޯ ޔާސިރުގެ އަމިއްލަ އެކައުންޓަށް ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. އޭނާގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށްފަހު އެ ފައިސާ ބޭނުންކުރި ގޮތުގެ ތަފުސީލުތަކެއް އެނގޭކަށް ނެތް ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް 'ދަ ޕްރެސް' އށް އެނިގިފައިވާ ގޮތުގައި ޔާސިރުގެ އެކައުންޓަށް ފައިސާ ތަކެއް ޖަ،މާވި ކަން އެނގިފައި ވިޔަސް އެ ފައިސާ އަކީ ސީދާ އާރްޑީސީން ޔާސިރުގެ އެކައުންޓަށް ޖަމާ ކުރި ފައިސާ ކަން ކަށަވަރެއް ނޫނެވެ. އެއީ އާރުޑީސީގެ މައި އެކައުންޓުން ނޫން ކަމާއި އެއީ އެހެން ގޮތަކުން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާކަމަށް ވެސް ބައެއް މަސްދަރުތަކުން އެނގިފައި ވެއެވެ. އަދި މައްސަލަ ބަލަނީ އެމްއެމްއޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓު (އެފްއައިޔޫ) އާއި ފުލުހުން ގުޅިގެން ކަމަށްވެސް އެނގިފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާސިރަކީ މޫކޭގެ ޅިޔަނެކެވެ. ޔާސިރު ވަނީ މީގެ ދެމަހެއްހާ ދުވަސްކުރިން މޫކޭގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއަކާ ކައިވެނި ކޮށްފައެވެ.