ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ޑީޕީއީ) އިން ރާވާ ހިންގާ އިމްތިހާނުތަކާއި ގުޅިގެން ފޮނުވަންޖެހޭ ސެޓްފިކެޓްތައް ޕޯސްޓު މެދުވެރިކޮށް އަތޮޅުތަކުގެ ސެންޓަރުތަކަށް ފޮނުވޭނެ ގޮތް ހަމަޖައްސައިފިއެވެ.

ރައްކާތެރިކަމާއެކު އަތޮޅުތެރޭގެ ސެންޓަރުތަކަށް ސެޓްފިކެޓުތައް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އެ ފަހުމުނާމާގައި ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާންއެވެ. އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ.

އެޑިއުކޭޝަނުން ބުނީ ޕޯސްޓް އޮފީސް މެދުވެރިކޮށް އަތޮޅުތެރޭގެ ސެންޓަރުތަކަށް ސެޓްފިކެޓްތައް ފޮނުވަން ފެށުމާއެކު، ޑީޕީއީއަށް އަށް ސެޓްފިކެޓް ލިބޭތާ ގިނަވެގެން 20 ދުވަހުގެ ތެރޭގައި ސެންޓަރުތަކަށް ސެޓްފިކެޓްތައް ހަވާލު ކުރެވިގެންދާނެ ކަމަށެވެ. އަދި ރައްކާތެރިކަމާއެކު ވީހާވެސް އަވަހަކަށް ދަރިވަރުންނާ ސެޓްފިކެޓްތައް ހަވާލުކުރެވޭކަން ކަށަވަރުވެގެންދާނެ ކަމަށެވެ.

މީގެ ކުރިން ކޮންމެ އިމްތިހާނެއް ނިމި ސެޓްފިކެޓްތައް ޑީޕީއީ އަށް ލިބުމުން ސެންޓަރުތަކުން ހަވާލުވުމަށް އަންގާ ކޮންމެ ސެންޓަރަކުންވެސް ސެޓްފިކެޓްތަކާ ހަވާލުވާނޭ މީހަކު ޑީޕީއީއަށް ފޮނުވި ނަމަވެސް އިތުބާރު ކުރެވޭ ފަރާތެއް ސެޓްފިކެޓްތަކާ ހަވާލުވުމަށް ފޮނުވަން ދަތިވާކަން އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބައެއް ފަހަރު ހަވާލުވާ ފަރާތުގެ އިހުމާލުން ސެޓްފިކެޓްތައް ސެންޓަރުތަކާ ހަމައަށް ނުގޮސް ގެއްލިފައި އެބަހުރި ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

މީގެ އިތުރަށް އެޑިއުކޭޝަނުން ބުނީ އަތޮޅުތެރޭގެ ދަތުރުފަތުރުގެ ކަންކަން ހުންނަގޮތުން މާލެއިން އަތޮޅުތެރޭގެ ސެންޓަރުތަކަށް ސެޓްފިކެޓް ނުގެންދެވި ގިނަ ދުވަސް ވެގެންދާ ކަމަށާއި އޭގެ ސަބަބުން އަވަހަށް ސެޓްފިކެޓް ބޭނުންވާ ދަރިވަރުންނަށް ސެޓްފިކެޓް ލިބުން ލަސްވެ، ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.