ފާއިތު ވި 20 އަހަރުގެ ތެރޭގައި ޖެނީންގައި ހިންގި އެންމެ ވަރުގަދަ އުދުވާން ހުއްޓާލުމަށް ފަހު އިޒްރޭލުން ގައްޒާއަށް ހަމަލާ ދީފިއެވެ.
ޖެނީންގައި 2 ދުވަސް ވާންދެން ބަރުހަތިޔާރާއެކު ހިންގި އުދުވާނުގައި 12 މީހަކު ޝަހީދު ކޮށްލައި އެތައް ސަތޭކަ ބަޔަކު ޒަހަމް ކޮށްލާފައި ވާ އިރު، އެރައް އިމާރާތެއް ވަނީ އަންދާ އަޅިއަށް އަދާފައެވެ.
އިޒްރޭލުން ބުނަނީ ޖެނީންގައި ހިންގި އުދުވާން ކާމިޔާބު ކަމަށާއި މަގުސަދު ހާސިލު ވެއްޖެ ކަމަށެވެ. އަދި ގައްޒާއަށް ހަމަލާ ދިނީ، އިޒްރޭލަށް އަމާޒު ކޮށް ރޮކެޓް ހަމަލާގެ 4 ހަމަލާއެއް ދީފައި ވާ ކަމަށް ބުނެއެވެ. އަދި މިހަލާތައް އަމާޒު ވީ އިޒްރޭލުގެ ދެކުނު ބިތަށް ކަމަށާއި އެއާ ޑިފެންސް ސިސްޓަމް ނުވަތަ އަޔަން ޑޯމް އިން ހަމަލާތައް ނާކާމިޔާބު ކޮށްލާފައި ވާ ކަމަށް ވެސް ބުނެއެވެ.
އިޒްރޭލުން ޖެނީންގައި ހިންގި އުދުވާނުގައި 12 މީހަކު ޝަހީދު ކޮށްލި އިރު އިތުރު މީހަކު ވަނީ ރާމައްލޯ އިންވެސް ޝަހީދު ކޮށްލާފައެވެ. މި އުދުވާނުގައި ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ އެކަކު މަރުވި ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
އިޒްރޭލުން ޖެނީންގެ އުދުވާން ހިންގަނިކޮށް އިޒްރޭލުގެ ވެރިރަށް ތެލްއަވީވުގައި އާންމުންގެ ތެރެއަށް ކާރެއްގައި ވަދެ 7 މީހަކު ޒަހަމްކޮށްލި ހާދިސާގެ ޒިންމާ ހަމާސް އިން ވަނީ އުފުލާފައެވެ. އެޖަމާއަތުން ބުނީ، އެ ހަމަލާ ދިނީ އެ ޖަމާއަތުގެ މެންބަރެއް ކަމަށާއި، އެއީ ޔަހޫދީން ޖެނީންގައި ފެށި އުދުވާނުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.
ޖެނީންގައި ޔަހޫދީން ހިންގި އުދުވާނުގައި އެ އަވަށަށް ލިބުނު ގެއްލުންތައް ހާމަވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި، އެތައް ގެދޮރެއް ވަނީ އަންދާ ސުންނާފަތި ކޮށްލާފައެވެ. އާންމުން މާޔޫސް ކަމުގައި ތިބި އިރު، އިޒްރޭލު ސިފައިން ޖެނީން އިން ފައިބައިގެން ދިޔުމުން އާންމުން ވަނީ ޖެނީން އަށް ވަންނަން ފަށާފައެވެ. ޖެނީންގެ އުދުވާނާ ގުޅިގެން 3000 އެއްހާ މީހުން ޖެނީން ދޫކޮށް އެހެން ސަރަހައްދުތަކަށް ދިޔައެވެ.
އިޒްރޭލުން ޖެނީންގެ އުދުވާން ހިންގާފައި ވަނީ، ވައިގެ މަގުންނާއި އެއްގަމު މަގުން ވަރުގަދަ ހަމަލާތައް ދެމުންނެވެ. މިސައިލާއި ބޮން އަދި ޑްރޯން ބޭނުން ކުރި އިރު އެއްގަމު މަގުން ބުލްޑޯޒަރުތަކާއި ބަރު ހަތިޔާރާއެކު ވަދެ ބޮޑެތި ގެއްލުންތައް ދީފައި ވެއެވެ. ޖެނީން އަށް ވަދެވެން އޮންނަ ގިނަ މަގުތައް ވެސް ވަނީ ހަލާކު ކޮށްލާފައެވެ.