އިންޑިއާގައި ޑައުރީ ނުވަތަ ކައިވެނި ވެވޭ އަންހެން މީހާގެ ފަރާތުން ފިރިހެން މީހާ ހަދިޔާ އަތުލުމަކީ 1961 އިން ފެށިގެން މަނާކޮށްފައި އޮންނަ ކަމެކެވެ. ނަމަވެސް މިއަދުވެސް ހަދިޔާގެ ގޮތުގައި ގަހަނާ އާއި ހެދުމާއި މުދަލާއި ފައިސާގެ އިތުރުން ވެހިކަލް ދޭން ފިރިހެން މީހާގެ ފަރާތުން އެދެއެވެ.
މިހާރު އުމުރުން 27 އަހަރު ވެފައި ވާ ގުންޖަން ޗައުދަރީ [އަސްލު ނަމެއް ނޫން] އަކީ މިފަދަ ތަޖުރިބާތަކެއް އެތައް ފަހަރު ކުރަން ޖެހުނު ޓީޗަރެކެެވެ. އޭނާ ބުނީ، ކޮންމެ ފަހަރަކު ކައިވެނި ހަމަޖެހި ކައިވެންޏާ ހަމައަށް ދާއިރު، ފިރިހެން މީހާގެ އާއިލާގެ ފަރާތުން ހަދިޔާއަށް އެދޭ ކަމަށާއި އޭނާގެ ފަރާތުން ހަދިޔާ ނުދެވުމުން އެ ކޮންމެ ކައިވެންޏެއްވެސް ނުވެ ނިމިދާކަމަށެވެ.
އިންޑިއާގެ ބައެއް މުޖުތަމައުތަކުގައި އަށަގެންފައި އޮތް އެ ނުރަނގަޅު އާދަ އަމިއްލައަށް ތަޖުރިބާ ކުރި މީހެއްގެ ހައިސިއްޔަތުން ގުންޖަން މިހާރު ވަނީ އެކަން ހުއްޓުވުމަށް ޕެޓިޝަނެއް ފަށާފައެވެ. އެ ޕެޓިޝަންގެ ވާހަކަ ނޫސްތަކަށް އަރާފައި ވާ އިރު ގުންޖަން ބުނީ، އޭނާގެ ހަޔާތުގައި ކައިވެންޏެއް ވެވެން ނެތީ، ފިރިހެން މީހާއަށް ދެނެ ހަދިޔާއެއް ނެތުމުން ކަމަށެވެ.
އެންމެ ފަހުން މިދިޔަ ފެބްރުއަރީ މަހުވެސް އިންނާނެ ކަމަށް ބުނެ ފިރިހެނަކު އޭނާގެ އާއިލާ އާއެކު ގުންޖަންގެ ގެއަށް އައި ކަމަށާއި ނަމަވެސް އެކައިވެނިވެސް ނުވެ ދިޔައީ ހަދިޔާގެ މައްސަލައިގައި ކަމަށެވެ.
ލަވް މެރިޖަށް ވުރެ އެރޭންޖް މެރިޖް [އާއިލާއިން ހަމަޖައްސާ ކައިވެނި] ގިނަ އިންޑިއާގައި ފިރިހެން މީހާ އާއި މައިންބަފައިން އަދި އާއިލާގެ މެންބަރުން އަންހެން މީހާގެ ގެއަށް ޒިޔާރަތް ކުރެއެވެ. އެ ޒިޔާރަތަށް އަންހެން މީހާގެ އާއިލާއިން ލުއި ބުއިމަކާއި ހެދިކާ ފަދަ އެއްޗެއްހި ތައްޔާރުކޮށް އަންހެން މީހާ ޒީނަތްތެރި ވެސް ކުރެއެވެ. ފިރިހެން މީހާ އާއި އާއިލާއަށް ސާވް ކުރަން [ކާއެއްޗެހި ގެންގޮސްދޭން] ރީތިވެ ނަލަވެލައިގެން އަންހެން މީހާ ދާއިރު ހުންނަ ނަލަކަމާއި ހިނިތުންވުމަކީ ފިރިހެން މީހާގެ އާއިލާއިން މިން ކުރާ އެއްކަމެވެ. ދެވަނަ ކަމަކީ އަންހެން މީހާގެ ފަރާތުން ދޭނެ އެއްޗެއް [ހަދިޔާ] އެއް އެނގުމެވެ. ފިރިހެން މީހާގެ އާއިލާގެ ފަރާތުން އެދޭ އެއްޗެއް އަންހެން މީހާގެ އާއިލާއިން ނުދޭނަމަ ނުވަތަ ދޭން އެއްބަސްނުވާނަމަ ކައިވެނި ނުކޮށް ދޫކޮށްލައެވެ.
ގުންޖަން ބުނީ، ބަދިގެއިން ކާއެއްޗެހި ހިފައިގެން ސިޓިންރޫމަށް ނިކުންނަށް ދިޔަ އިރު އިވުނު ބަސްތަކަކީ މިއަދު ފަށާފައި ވާ ޕެޓިޝަން ފަށަން ހިތްވަރު ލިބުނު ކަމެއް ކަމަށެވެ.
ނަމަވެސް ވާހަކަ ކުރިއަށް ދިޔަ އިރު ގުންޖަންގެ ހަމަ ނޫން [ތަފާތުކޮށް ހުރި] ދަތެއް އިނުމާއި ނިއްކުރިމަތީގައިި އިން އުމެއްގެ ސަބަބުން ޑިސްކައުންޓް ލިބެން ނެތްކަން އެނގުނު ކަމަށް އޭނާ ބުންޏެވެ.
ސަޔަށް ފަހު ފިރިހެން މީހާ އާއި އަންހެން މީހާއަށް ވަކިން ވާހަކަ ދައްކާލަން ވަގުތު ކޮޅެއް ދެއެވެ. އެވަގުތުގައި ހަދިޔާއަށް ކައިވެނި ކުރަން ބޭނުން ނުވާކަމަށް ގުންނަން ފިރިހެން މީހާގެ ގާތުގައި ބުނެއެވެ. އެއާއެކު އެއީ މުޖުތަމައުގައި އޮތް ވަރަށް ގޯސް އާދައެއް ކަމަށް ފިރިހެން މީހާ ބުނި ކަމަށާއި އެކަމުން އެއީ އެހެން ފިރިހެނުންނާ ތަފާތު މީހެއްކަމަށް ގަބޫލު ކުރެވުނު ކަމަށް ގުންޖަން ބުންޏެވެ.
ނަމަވެސް އެއާއިލާ އެނބުރި ދިޔުމަށް ފަހު ކައިވެނި ކުރަން ބޭނުން ނުވާކަން އެންގި ކަމަށާއި ސަބަބަކަށްް ވީ ހަދިޔާ ކަމަށް ގުންޖަން ބުންޏެވެ.
އެމައްސަލައިގައި ގުންޖަންގެ މަންމަ އޭނާ އާ ވާހަކަ ނުދައްކާ 2 ހަފްތާއެއްހާ ދުވަހު ހުރި ކަމަށްވެސް ބުނެފައި ވެއެވެ.
އިންޑިއާގައި އަންހެން ދަރިން ބޮޑެތި ވުމުން ކައިވެނި ކުރުމާ ފިރިހެން މީހާގެ ގެއަށް އަވަހަށް ފޮނުވާލުމަކީ އޮންނަ ސަގާފަތެއް ކަމަށް ވާއިރު ކައިވެނި ނުވެވި އަންހެނަކު ގިނަ ދުވަހު ހުންނަން ޖެހުމަކީ އާއިލާ އަށް ލިބޭ ލަދުވެތިކަމެއްގެ ގޮތުގައި އެމީހުން ދެކެއެވެ.
ހިސާބުތަކުން ދައްކާގޮތުން އިންޑިއާގައި ކުރެވޭ ކައިވެނި ތަކުގެ 90 ޕަސެންޓް ކައިވެނީގައި ހަދިޔާ އަތުލާފައި ވެއެވެ. އަދަދުން ޖަހާނަމަ ޓްރިލިއަން އެމެރިކާ ޑޮލަރުހާ ބޮޑު އަދަދެއް ޑޮއުރީގެ ގޮތުގައި ދީފައިވެއެވެ.
އާއިލާގެ ލަދުން ސަލާމަތް ވުމަށް ޑައުރީ ދިނުމަށް އަންހެން މީހާގެ އާއިލާގެ ފަރާތުން ގެ މޯގޭޖްކޮށް މޮޑެތި ލޯނުތައް ނަގައި، ބޭންކްރަޕްވެ ގޮތް ހުސްވެ އަމިއްލައަށް މަރުވާ ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ.
ހިސާބުތައް ދައްކާގޮތުން ޑައުރީ ނުދެވި ނުވަތަ ޑައުރީއާ ގުޅުން ހުރި މައްސަލަތަކުގައި 2017 އިން 2022 ގެ ނިޔަލަށް 35،493 އަންހެނަކު މަރުވެފައި ވެއެވެ. އެއީ އެ މުއްދަތުގައި ދުވާލަކަށް އެވްރެޖްކޮށް 20 އަންހެނުންނެވެ.
އދ ގެ އިދާރާތަކުން ބުނާގޮތުގައި، ކައިވެނި ވެވޭ އުމުރަށް އަންނަ އިރު ޑައުރީގެ މައްސަލަތައ ދިމާވާތީ އިންޑިއާގައި އަންހެން ދަރިން ބޭނުންވާ މީހުންވެސް މަދެވެ. އަދި އަހަރެއްގެ މައްޗަށް 400،000 އެއްހާ ނުއުފަންނަ އަންހެން ދަރިން އެބޯޓް [ވައްޓާލާ] ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.
ބޯޕާލްގެ ފުލުހުންގެ ވެރިޔާއަށް އެޑްރެސްކޮށް ގުންޖަން ތައްޔާރު ކުރާ ޕެޓިޝަންގައި އޭނާ ބުނެފައި ވަނީ، ޑައުރީ އިން ސަލާމަތް ވުމަށް އޮތް ހަމައެކަނި ހައްލަކީ، ކައިވެނި ހަފްލާތަކުގައި ފުލުހުން ބައިވެރިވެ ނުވަތަ ހަފްލާތަކަށް ފުލުހުން ގޮސް، ހަދިޔާ ދޭ މީހުންނާއި ހަދިޔާގައި ހިފާ މީހުން ހައްޔަރު ކުރުމެވެ. އެކަން އާންމު ކޮށްފިނަމަ، ޑައުރީ ދޭން ނުވަތަ ޑައުރީގައި ހިފަން ބިރުގަންނާނެ ކަމަށާއި އެފަރާތްތަކަށް ލިބޭނެ އަދަބު އެނގި ހުއްޓުމަކަށް އަންނާނެ ކަމަށެވެ.