ނޫސްވެރިން ކުރިމަތިކުރުވާ ސުވާލުތަކާއި އެ މީހުން ލިޔާ ލިޔުންތަކާ ގުޅިގެން ނޫސްވެރިންނާ ދިމާކޮށްލައި އެ މީހުންނާ މެދު ޒާތީވެ ތުހުމަތުތައް އުފަންކުރުމަކީ ތަހުޒީބުވެފައިވާ ޑިމޮކްރަޓިކް ވެއްޓެއްގައި އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށް އެމްޖޭއޭއިން ބުނެފިއެވެ.
އެމްޖޭއޭ އިން މިހެން ބުނީ، ޕީޕީއެމާއި ޑިމޮކްރެޓްސް އިން މީޑިއާތަކަށް ދައުވަތުދީގެން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިންނަށް ރިޝްވަތުގެ ތުހުމަތުތަކެއްކޮށް އެ ދެ ޕާޓީއަށް ނިސްބަތްވާ އިސް ބޭފުޅުން ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
އެމްޖޭއޭ އިން ބުނީ، އެއީ ނޫސްވެރިންގެ މަސައްކަތަކީ ގައުމަށް ބޭނުމެއް ނެތް ކަމެއްގެ ގޮތުގައި ދައްކައި އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފައްދައި އިތުބާރު ނަގާލުމަށް ހިންގާ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. މީގެ ފަހުން މިފަދަ އަމަލުތައް ތަކުރާރުކުރާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓްކުރުމަށް ނޫސްވެރިންނަށް ހިތްވަރުދޭ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.
ނޫސްވެރިންނަށް ވެސް ފާޑުކިޔަންވާނެ ކަމާއި ނަމަވެސް, އެ ފާޑުކިޔުން ވާންވާނީ ޒާތީނުވެ, އަސްލެއް ނެތް ތުހުމަތުތަކުން އެއްކިބާވެ ތިބެ ކިޔޭ ބިނާކުރުވަނިވި ފާޑުކިޔުމަށް ކަމަށް އެމްޖޭއޭއިން ބުނެއެވެ. އެފަދަ ބިނާކުރަނިވި ފާޑުކިޔުންތަކާއި ކަންކަން ރަނގަޅު ކުރުމަށް ދޭ ހިޔާލުތަކަށް މަރުހަބާ ކިޔާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ވެސް ޒަމާންވީ ބޮޑެތި މައްސަލަތައް ހުރި އިރު މާލީ މިނިވަންކަން ނެތުމާއި ގާބިލް ނޫސްވެރިން އުފެއްދުން ފަދަ ގޮންޖެހުންތައް ހުރިކަން ގަބޫލުކުރާ ހާލު އެކަންކަން ހައްލު ކުރެވޭނީ އެންމެން ގުޅިގެން މިފަދަ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކޮށްގެން ކަމަށް އެމްޖޭއޭއިން ބުނެއެވެ. އެއީ ނޫސްވެރިންނަށް ތުހުމަތުތައްކޮށް ޒާތީ ގޮތުން ދިމާކޮށްގެން ހައްލު ކުރެވޭނޭ ކަންކަން ނޫން ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.
އެހެންކަމުން ނޫސްވެރިންނާއި އެ މީހުންގެ މަސައްކަތަކީ ގައުމަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ބަލައިގަނެ ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސް އެޅޭނޭ ފަދަ އަމަލުތައް ނުކުރުމަށް އެމްޖޭއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ނޫސްވެރިން ވެސް ރާއްޖޭގައި ހެދިފައިވާ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކާއި ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްގެ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.