މެކްސިކޯގެ ސޭން ޕެޑްރޯ ހުމޭލޫލާގެ މޭޔަރު ނަސީބު ގަދަކުރަން އަންހެން ކިނބުލަކާ ކައިވެނި ކޮށްފިއެވެ.
މެކްސިކޯގެ ދެކުނު ބޮތުގެ ސިޓީއެއް ކަމަށް ވާ އޯޒަކާގައި އޮތް ހަފްލާއެއްގައި ގިނަ ބަޔަކު ބައިވެރިވެ އަތް ޖަހާ އުފާފާޅުކޮށްފައި ވާ އިރު، މޭޔަރު ބުނީ، ކިނބުލާ ހިތާވެގެން އުޅޭތާ ކިތަންމެ ދުވަހެއް ކަމަށާއި އެ ކައިވެނީގެ ސަބަބުން އޭނާގެ މީހުންނަށް [މޭޔަރުކަން ކުރާ ސިޓީއަށް] އުފާވެރިކަން ލިބި ނަސީބުވެރިވާނޭ ކަމަށެވެ.
ވިކްޓާ ހޫގޯ ސާސާ ކައިވެނި ކުރި ކިނބުލަށް ކިޔަނީ އެލީސިއާ އެޑްރިއާނާ ނުވަތަ ޕްރިންސަސް ގާލް އެވެ.
އޯޒަކާ ސްޓޭޓަކީ މައިގަނޑު ދެ ނަސްލެއް ކަމަށް ވާ ޗޮންތާލް އާއި ހުއާވެ ދަރިކޮޅުގެ މީހުން ދިރިއުޅޭ ރަށްފުށުގެ ސްޓޭޓެކެވެ. އެ ސްޓޭޓުގައި އެ ދެދަރިކޮޅުގެ ގުޅުން ދެމެހެއްޓުމަށްޓަކައި އެއް ސްޓޭޓުން އަނެއް ސްޓޭޓްގެ މީހުންނާ ކައިވެނި ކުރުމުގެ ސަގާފަތެއް ދެމިގެން އަންނަތާ 230 އަހަރުވެއްޖެއެވެ.
މޭޔަރު ސާސާ އަކީ ޗޮންތާލްގެ ރަސްގެފާނެއެވެ. އެ ކިނބޫ ނިސްބަތް ވަނީ ހުއާވެ އަށެވެ.
އެ ކައިވެނި ކުރުމުގެ ކުރިން ކިނބޫ ވަނީ އެއްގެއިން އަނެއް ގެއަށް ގެންގޮސް އޭގައި އަތްލައި އެއާއެކު ނަށާލާ ހެދުމުގެ ފުރުސަތު އާންމުންނަށް ދީފައެވެ.
ފެހި ސްކާޓެއް ލައްވައިގެން މުޅި ރަށުތެރޭގައި ކިނބޫ އުރާލައިގެން ހިނގުމަށް ފަހު ކައިވެނި ކުރުމަށްޓަކައި އޭތި އޮތީ ވެޑިން ޑްރެސް ލައްވާ ޒީނަތްތެރި ކޮށްފައެވެ. އަދި ދަތް އަޅާ ކާލަފާނެކަމަށް ބަލައި ވާގަނޑަކުން އޮތީ އޭގެ ތުން އައްސާފައެވެ.
ކިނބުލާ ކައިވެނި ކުރުމަށް ފަހު އެއަށް މޭޔަރު ބޮސްދޭ މަންޒަރު ފެންނަ ފޮޓޯތައް މިހާރު ސޯޝަލްމީޑިއާގައި ވަނީ އާންމު ވެފައެވެ.