ވަކިވަކި ނޫސްވެރިންނާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި ނޫސްވެރިންނަށް ފުރައްސާރަކޮށް ތުހުމަތު ކުރުން ހުއްޓާލަން މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައިފިއެވެ.

މީޑިއާ ކައުންސިލުން ބުނީ ކައުންސިލުން ގަބޫލު ކުރާ ގޮތުގައި ވަކިވަކި ނޫސްވެރިންގެ އަގު ވައްޓާލައި ސާބިތު ނުހިފޭ ތުހުމަތު ކުރުމަކީ މީޑިއާގެ މިނިވަންކަމުގެ ދަރަޖަ އިތުރަށް ދަށަށް ގޮސްދާނެ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެ ކަމުގެ ސަބަބުން ސަރުކާރާއި އެހެނިހެން ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ހުރަސްތަކެއް އެޅިގެންދާ ކަމަށް އެ ކައުންސިލުން ދެކޭ ކަމަށެވެ.

ނޫސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެކި ނޫސްވެރިންނަށް ލިބެމުންދާ އަނިޔާތަކާއި، އިންޒާރުތަކާއި، އަދި އެ ނޫން ވެސް ގޮންޖެހުންތަކުގެ އިތުރުން މިހާރަކަށް އައިސް އެ ކައުންސިލަށް ލިބޭ އެންމެ ބޮޑު އެއް ޝަކުވާއަކީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ވަރަށް ފާޅުގައި ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ދޮގު އިލްޒާމްތައް އަޅުވަމުންދާ މައްސަލަ ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

މީޑިއާ ކައުންސިލުން އިތުރަށް ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް ވާއިރު، ވަކި ވަކި ނޫސްވެރިންނަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރުމާއި ކްރެޑިބަލް ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރުމަކޫ މުޅި ނޫސްވެރިކަމުގެ ދާއިރާއަށް ވެސް އޭގެ ސަބަބުން ގެއްލުން ލިބޭ ކަމެއް ކަމަށެވެ.

ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ވެސް ނޫސްވެރިކަމުގެ މަސައްކަތްކުރާއިރު ގާނޫނާއި ގަވާއިދުތަކާއި "ދިވެހި މީޑިއާގެ އަހްލާގީ މިންގަނޑު" އަދި އުސޫލުތަކުގެ ތެރެއިން، ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ވެސް މީޑިއާ ކައުންސިލުން ވަނީ ގޮވާލާފައެވެ.