ވިލިމާލޭގައި ދިރިއުޅޭ އަންހެނަކު ގެއްލިގެން އެ މީހާ ހޯދަން ވަނަވަރު ހާމަކޮށްފިއެވެ.

ފުލުހުން ބުނީ، އުމުރުން 53 އަހަރިގެ މ. އާޒާދީގުލްޝަން / އާތިފާ އަބްދުﷲ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 10:25 ހާއިރު ކަމަށެވެ. އަދި އެ ރިޕޯޓް ކުރުމާ އެކު ފުލުހުން ދަނީ އެ އަންހެންމީހާ ހޯދުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

އޭނާ އެންމެ ފަހުން ފެނިފައި ވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން، ރޭގެ 22:45 ހާއިރު ކަމަށް އާއިލާ އާ ހަވާލާ ދީ ފުލުހުން ބުނެއެވެ. އޭރު އޭނާ ލައިގެން ހުރީ ފެހިކުލައިގެ ހެދުމެއް ކަމަށާއި އަޅައިގެން ހުރީ ފިޔާތޮށި ކުލައިގެ ޝޯލެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

އާތިފާގެ މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅައިގެން ހިއްސާކުރުމަށް ފުލުހުން ބުނެއެވެ.