ސީރިއަސް ޖަރާސީމް އިންފެކްޝަނެއް ހަށިގަނޑުގައި އުފެދުމުގެ ސަބަބުން އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާ 64އ، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ.
ސީއެންއެން އިން ބުނީ މެޑޯނާ ހޮސްޕިޓަލުން ދޫކޮށްލީ ހަށިގަނޑުގައި އުފެދުނު އިންފެކްޝަން އެއްކޮށް ނައްތާލެވުމުން ކަމަށާއި މިވަގުތު އޭނާގެ ހާލު ރަނގަޅު ކަމަށެވެ. މެޑޯނާގެ މެނޭޖަރު ގައި އޮސޭރީ ބުދަ ދުވަހު އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ޖޫން 24 ވަނަ ދުވަހު މެޑޯނާގެ ހަށިގަނޑުގައި ބެކްޓީރިއަލް އިންފެކްޝަނެއް އުފެދިފައިވާ ކަން ހާމަވުމުން ވަގުތުން ހޮސްޕިޓަަލަށް ގެންގޮސް އައިސީއޫގައި ފަރުވާދޭން ފެށި ކަމަށެވެ. އޭރު ގައި ބުނީ މެޑޯނާގެ ހާލަތު އެހާ ރަނގަޅު ނޫންކަމަށާއި ހޮސްޕިޓަލުގައި ހުރިހާ މުވައްޒަފުންގެ ކިބައިން މެޑޯނާ އަށް އެންމެ އެކަށީގެންވާ ފަރުވާ ލިބެމުން އަންނަ ކަމަށެވެ.
އެ ޕޯސްޓުގައި ގައި ބުނީ މެޑޯނާ ގެ ސިއްހީ ހާލަތު މުޅިން ރަނގަޅުވަންދެން ޓުއާ ފަސްކުރަން ނިންމާފައިވާ ކަމަށެވެ. އަންނަ މަހު ފަށަން އޮތް މެޑޯނާގެ "މެޑޯނާ: ސެލެބްރޭޝަން ވޯލްޑް ޓުއާ" ވެސް ވަކި ތާރީހެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު ގައި ބުނީ ޓުއާ އާއި ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަކުރާނެ ކަމަށާއި މިވަގުތު އެންމެ މުހިއްމީ މެޑޯނާގެ ސިއްހީ ހާލުކޮޅުކަމަށެވެ. ކެނެޑާގެ ވެންކޫވާ އިން އަންނަ މަހުގެ 15 ގައި ފެށުމަށް ހަމަޖެހުނު އެ ޓުއާ ނިންމާލަން ކުރިން ގަސްތުކޮށްފައި އޮތީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ޓުއާގައި މެޑޯނާ 84 ޝޯއެއް ދިނުމަށް ވަނީ އޭރު ނިންމާފައެވެ.
މެޑޯނާގެ 44 އަހަރުވީ މިއުޒިކް ކެރިއަރުގައި އޭނާ ވަނީ އާންމުންގެ މެދުގައި ލޯތްބާއި އިހުތިރާމް ހޯދާފައެވެ. ޖުމްލަ 14 އަލްބަމެއް އޭނާ ނެރުނުއިރު އޭނާ އެންމެ ފަހުން ނެރުނު އަލްބަމަކީ 2019 ވަނަ އަހަރު ނެރުނު އަލްބަމް "މެޑަމް އެކްސް" އެވެ. މެޑޯނާ ވަނީ ގިނަ ހޮލީވުޑް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައެވެ. މެޑޯނާ އަކީ "ކުއީން އޮފް ޕޮޕް" ގެ ނަމުން މަޝްހޫރުވި އަންހެން ލަވަކިޔުންތެރިއެވެ.