މާލެ ސަރަހައްދުން ހިލޭ ބަންޑާރަ ގޯތި ދޫކުރާ "ބިންވެރިޔާ ސްކީމްގެ" ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި މާލޭގެ ރަޖިސްޓްރީގައި ޖެހިފައިވާ އިންޑިއާ މީހަކު އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.
ވަގުތީ ލިސްޓުގައި ބުނާ ގޮތުން، ހަބީބް ރަހިމާން މުހައްމަދު ހަނީފާގެ ނަމުގައިވާ މި މީހާ ސިންގަލް އެޕްލިކޭޝަން އެއް ހުށަހަޅައިގެން ވަނީ 62.25 މާކްސް ލިބިފައެވެ. އަދި އޭނާއަކީ ގޯތި ލިބުމުގެ ޝަރުތު ހަމަވާ މީހެއް ކަމަށާއި ނަމަވެސް ގޯތި ލިބުމުގެ ފުރުސަތު އޮތީ ޖޮއިންޓް ވެގެން ކަމަށް އެ ލިސްޓުގައި ބުނެފައި ވެއެވެ.
އެނގިފައިވާ ގޮތުގައި އޭނާ އަކީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ އިންޑިއާ ރައްޔިތެކެވެ. އޭނާ މާލޭގެ ރަށްވެހިކަން ހޯދާފައި ވަނީ 2019 ވަނަ އަހަރުއެވެ. މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ހަބީބަކީ ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓް ވެސް އޮތް މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖޭގެ ރަށްވެހިކަން ހޯދިތާ ފަސް އަހަރު ވެސް ނުވާ މީހަކަށް އަދި ހަމައެކަނި މާލެ ރަށްވެހިންނަށް ގޯތި ދޫކުރާ ކަމަށް ބުނެ އުސޫލާ ހިލާފް ވެފައި ވާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މިޑިއާގައި ފާޑު ކިޔަމުންނެވެ. އެ ގޮތުން އޭނާއަށް ގޯތި ދީފައި ވަނީ ރައީސް ސޯލިހާ އެއްކޮޅަށް ހުރީމައި ކަމަށާއި އިންޑިއާ މީހުންނަށް މި ސަރުކާރު "އިންތިހާއަށް ހެޔޮފުޅު" ވާނެ ކަމަށް ބުނެ ވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މި ވަގުތު ސަރުކާރަށް އަމާޒުވެފައެވެ.
މީގެ އިތުރުން ވެސް ހަމައެކަނި މާލެ މީހުންނަށް ގޯތި ދޭން ބުނެ ހުޅުވާލި މި ފުރުސަތުގައި އަތޮޅުތެރޭގެ މީހުންނަށް ވެސް މާލެއިން ގޯއްޗަށް ކުރިމަތި ނުލެވޭ ގޮތަށް އުސޫލު ހަމަޖައްސާފައި އޮތުމުން ވެސް އެތައް އަހަރަކުން ސުރެ މާލޭގައި އުޅޭ މީހުން ވަނީ މި ބިންވެރިޔާ ސްކީމް ތައާރަފް ކުރީއްސުރެ ޝަކުވާ ކޮށްފައެވެ. އެ ޝަކުވާތައް ކުރަމުން ދަނިކޮށް އިންޑިއާ މީހަކު ގޯތި ލިސްޓުގައި ހިމެނުމުން އިންސާފުވެރި ކަމާ އެކު ގޯތި ދީފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލު ނުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހޫނު ގަދަކޮށް އަންނަނީ ބަހުސް ކުރަމުންނެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދިނުމުގެ އުސޫލުގައި ބުނާ ގޮތުން ގޯތި ހޯދުމަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި މާލެ ރައްޔިތަކަށް ވާން ޖެހެއެވެ. މާލެ ރައްޔިތުން މާނަ ކުރާ ގޮތް ބުނެފައި ވަނީ މާޅެގައި ގެއެއްގެ ރަޖިސްޓްރީގައި ވާ މީހެއް ކަމެވެ. އަދި ދަފްތަރުގައި ޖެހިފައިވާ މީހެއް ކަމަށް ވާނަމަ އެމީހަކީ މާޅެއަށް އުފަން މީހެއް ކަމަށާއި އަދި މީގެ ކުރިން އެހެން ރަށެއްގައި ރަށްވެހިވެފައިވާ މީހަކަށް ނުވުމަކީ މާލެ ރަށްވެއްސެއްގެ ގޮތުގައި ބަލާ އުސޫލެއްގެ ގޮތުގައި ވަނީ ބުނެފައެވެ.
އެ އިންޑިއާ މީހާ އަކީ ދަފްތަރުގައި ޖެހިފައި އޮތް މީހެއް ނޫނެވެ. އޭނާ މާލޭ ރަށްވެހިކަން ހޯދާފައި ވަނީ މާފަންނުގައި ހުންނަ އެޑްރެހެއްގައި ޖެހިގެންނެވެ.