މިއަދު ފަތިހު މާލޭގެ މަޖީދީ މަގުގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން 50 އަހަރުގެ ފިރިހެނަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުންބުނީ، މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ފަތިހު 5 ޖަހާކަށް ހާއިރު ކަމަށެވެ. މަޖީދީ މަގުގެ ރެޑްވޭވް ހުންނަ ހިސާބުން ހިނގި މި އެކްސިޑެންޓަގައި ސައިކަލުން މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި އެ މީހާއަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އަންނަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާވި މީހާ އަކީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެކެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ލިބޭ ގޮތެއް ނުވެއެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވީ އުމރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އެމީހާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށާއި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

މާލެ ސަރަހައްދުގައި މިހާރަކަށް އައިސް މިފަދަ އެކްސިޑެންޓްތައް އާންމުކޮށް ހިނގާކަން ފާހަގަ ކުރެވެއެވެ. އަދި މިހެން ހިނގާ އެކްސިޑެންޓްތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ލިބޭ އިރު، ބައެއް މީހުން އެކްސިޑެންޓްގައި ލިބޭ އަނިޔާތަކުގެ ސަބަބުން މަރުވެފައި ވެސް އެބަ ހުއްޓެވެ.

އެކްސިޑެންޓްތައް މަދު ކުރުމަށް މަގުމަތީގައި އުޅަނދު ދުއްވުމުގެ ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. އޯވާ ޓޭކް ނުކުރުމާއި، ސްޕީޑް ހުންނަން ޖެހޭ ލިމިޓަށް ވުރެ މައްޗަށް ނުގެން ދިއުމާއި، ލައިސަންސް ނެތި އުޅަނދު ނުދުއްވުމަކީ ސަމާލުކަން ދޭން ޖެހެއެވެ.