އިންޑިއާގައި ގިނަ އަދަދެއްގެ މީހުންނަށް ފޭކް ޑިގްރީ ސެޓްފިކެޓް ހެއްދި ކަމުގެ ތުހުމަތު އޮތް ކަލާފާނު ސްކޫލްގެ އިކޮނޮމިކްސް މާއްދާ ކިޔަވާދެމުން ދިޔަ ޓީޗަރު ސަސްޕެންޑް ކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުން މިފަދައިން ރިޕޯޓްކޮށްފައިވީ ނަމަވެސް އަދި މިކަމާ ގުޅިގެން ސީދާ އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯތްކޮށްފައިވާ ގޮތުގައި، އަބީން ސީ ރާޖްގެ ސިމާއި ވޯކް ޕާމިޓް ކެންސަލްކޮށްފައިވާ ކަމަށާއި އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ.
ކަލާފާނު ސްކޫލްގެ ގްރޭޑް 9 ގައި އިކޮނޮމިކްސް މާއްދާ ކިޔަވާދެމުންދާ އަބިން ސީ ރާޖަކީ އިންޑިއާގެ ކެރެލާ ސްޓޭޓަށް ނިސްބަތްވާ މީހެކެވެ. ކެރެލާގެ ފުލުހުން ބުނާ ގޮތުގައި އަބިންގެ މައްޗަށް ގިނަ އަދަދެއްގެ ފޭކް ސެޓްފިކެޓް ހެދި ކަމުގެ ތުހުމަތު ކުރެއެވެ. އަދި އޭނާ އަކީ އިންޑިއާގެ އެޑިއުކޭޝަން ކޮންސަލްޓަންސް އެޖެންސީއެއް ވެސް ހިންގާ މީހެއް ކަމަށް ވެއެވެ. އަބިންގެ އިތުރުން ސްޓޫޑަންޓް ފެޑަރޭޝަން އޮފް އިންޑިއާ (އެސްއެފްއައި) ގައި މަސައްކަތްކުރި ނިކިލް ތޯމަސް ވަނީ މިހާރު މި މައްސަލައިގައި ހައްޔަރު ކޮށްފައެވެ.
ނިކިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކެރެލާ ސްޓޭޓް ރޯޑް ޓްރާންސްޕޯޓް ކޯޕަރޭޝަންގެ ބަހަކުން ކޮޒިކޯޑްއިން ކޮއްޓަރަކަރައަށް ދަތުރުކުރަމުން ދަނިކޮށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައި ވެއެވެ.
އިންޑިއާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ނިކިލް، ކޮމާސް ދާއިރާއިން މާސްޓާސް އެޑްމިޝަން ހޯދީ ކަޔަމްކުލަމްގެ މިލާދު އީ-ޝެރިފް މެމޯރިއަލް (އެމްއެސްއެމް) ކޮލެޖުން ކޮމާސް ދާއިރާއިން ވަގު ޑިގްރީ ސެޓްފިކެޓެއް (ބީކޮމް) ހުށަހަޅައިގެން ކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އެ ސެޓިފިކެޓް ހޯދުމަށް 2020 ވަނަ އަހަރު އަބިންގެ އެކައުންޓަށް ދެ ލައްކަ ރުޕީސް ޖަމާކޮށްދީފައިވާ ކަމަށް ނިކިލް ވަނީ މި މައްސަލަ ތަހުގީގު ކުރަމުންދާ މީހުންނަށް ކިޔާދީފައެވެ. މި ކަން ފަޅާ އަރާފައިވަނީ އެހެން މީހަކު ނިކިލްއާ ޖެހުނު ޒާތީ މައްސަލައެއްގައި އެކަން ރިޕޯޓްކުރުމުން ފުލުހުން ކުރި ތަހުގީގުންނެވެ.
ނިކިލްގެ މައްޗަށް ފުލުހުން ވަނީ މަކަރާއި ހީލަތް ހެދުމުމުގެ ކުށުގެ މައްސަލައެއް ފައިލް ކޮށްފައެވެ. އޭނާއަކީ އެމްއެސްއެމް ކޮލެޖުން 2017-20 ވަނަ އަހަރު ބީކޮމް ކިޔެވި މީހެކެވެ. ނަމަވެސް އޭނާ އިމްތިހާނުން ފާސްވެފައެއް ނުވެއެވެ. ނިކިލް ވަނީ ފުލުހުންނަށް ދިން ބަޔާނުގައި އޭނާއަށް ފޭކް ސެޓްފިކެޓް ހަދައިދިން މީހަކީ އަބިން ކަމަށް ބުނެފަ އެވެ.