ސިޔާސީ ޕާޓިއެއްގެ ގޮތުގައި އުފައްދަން ހުށަހަޅާފައިވާ "ދަ ޑިމޮކްރެޓްސް" އަށް ހުއްދަ ދިނުން ލަސްކޮށްފައިވާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސައިގައި ވަނީ އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި އެ ޕާޓީ ރަޖިސްޓްރީ ކުރުން އީސީން ލަސްކޮށްފައިވާ ކަމަށާއި ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އިލެކްޝަން ކޮމިޝަންގެ ގާނޫނު އަދި ޝަރުއީ ހަމަތަކާ ވެސް އީސީން ހިލާފުވެފައިވާ ކަމަށެވެ. ހަމައެއާއެކު ދުސްތޫރީ ގޮތުން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކަށް ވެސް އުނިކަން އަންނަ ގޮތަށް އެ ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުން ކަމަށް ދައުވާގައި ބުނެފައި ވެއެވެ.

އެހެންކަމުން އެ ހައްގުތައް ކަށަވަރުވާ ކަން ޔަގީން ކުރުމުގެ ގޮތުން ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން ޖުޑީޝަލް ރިވިއުގެ މައްސަލައެއް ސިވިލް ކޯޓަށް ހަސަން ލަތީފް ވަނީ ހުށަހަޅުއްވާފައެވެ.

ޑިމޮކްރެޓްސްގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ އިރު މިއަދު އިލެކްޝަން ކޮމިޝަނުން ވަނީ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އަންނަ މަހުގެ ދެވަނަ ދުވަހު އެ ޕާޓީއަށް ދޭން ނިންމާފައިވާ ކަމަށް ބުނެފައެވެ. މިހެން އީސީން ބުނެފައިވާ އިރު، މިއަދު ހަވީރު ޕީޕީއެމް، ޖޭޕީ، އެމްއެންޕީ، އެމްއާރްއެމް އަދި ދަ ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އީސީއިން ކަންކަން ކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އީސީން ދީފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެއާއެކު ޕާޓީން ވަނީ 3،560 ފޯމާ އެކު ޕާޓީން ރަޖިސްޓްރީ ކުރަން މި މަހުގެ 1 ވަނަ ދުވަހު ހުށަހަޅާފައެވެ. އެ ފޯމް ހުށަހެޅިތާ 25 ދުވަސް ވެފައިވާއިރު، ހަސަން ލަތީފް ވިދާޅުވީ، ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އަންނަ އާދީއްތަ ދުވަހު ދޭނެ ކަމަށް ބުނެފައި ވީ ނަމަވެސް އެކަން އަދިވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވާ ގޮތަށް ހުއްދައިގެ ކަންކަމުގައި އަމަލުކުރަމުންދާ ކަމަށް ގަބޫލު ކުރެއްވޭ ކަމަށާއި ދަ ޑިމޮކްރެޓްސްގެ ހުއްދަ ދިނުމުގައި ގެންގުޅޭ ސްޓްރެޓަޖީއަކީ އެ ހުއްދަ ނުދީ ބާއްވައިގެން އިންތިހާބުގެ ކަންކަން ރައީސް ސޯލިހް އެކި އެކި ގޮތް ގޮތުން ކުރައްވަމުން ގެންދެވުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.