ޓްރާންސްޕޯޓް މިނިސްޓްރީން އޮންލައިންކޮށް ދެމުން އަންނަ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މިނިސްޓްރީން ބުނީ އިއްޔެ އިން ފެށިގެން އަންނަ މަހުގެ 1 އާ ހަމައަށް އެ ހިދުމަތްތައް މެދުކަނޑާލީ ހިދުމަތްތައް ފޯރުކޮށް ދޭން ބޭނުން ކުރާ އޮންލައިން ސިސްޓަމްތަކުގެ މެއިންޓެނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި ކަމަށެވެ.

އެގޮތުން މި މުއްދަތުގެ ތެރޭގައި އެ މިނިސްޓްރީން އޮންލައިންކޮށް ފޯރުކޮށްދޭ އެއްގަމާއި ކަނޑުއުޅަނދުފަހަރުގެ ރަޖިސްޓްރޭޝަނާއި ގުޅުންހުރި ކަންކަމާއި، ލައިސެންސްއާއި ގުޅުންހުރި ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން މިކަމާ ހެދި ދިމާވެދާނެ ދަތިތަކަށްޓަކައި އާންމުންގެ ކިބައިން މައާފަށް އެދޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، މިދުވަސްކޮޅާއި ދިމާކޮށް އޮންލައިން ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވަނީ ސަރުކާރު ބަންދު ދުވަސްތަކަކީ އާއްމުކޮށް ވެސް ހިދުމަތް ހޯދާ ނިސްބަތް މަދުވާނެ ދުވަސްކޮޅަކަށްވެފައި މިކަމުން އާއްމުންނަށް ވެސް ވީހާ އުނދަގޫނުވާނެ ގޮތަކަށް ބެލުމަށްފަހު ކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ގެނެވޭ ބަދަލުތަކާއެކު މިހާރު އޮންލައިންކޮށް ފޯރުކޮށްދޭ ހިދުމަތްތަކަށް ވެސް އިތުރު ފުރިހަމަކަމެއް ލިބި، އިތުރު ފީޗާސްތަކާއި ފަސޭހަތަކެއް ހިދުމަތް ހޯދާ ފަރާތްތަކަށް ވެސް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.