މާލެ ސިޓީ ކައުންސިލުން އަޟްހާ އީދަށް ގިޑިގެތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ޒީނަތްތެރިކޮށް ދިއްލާލުމުގެ މަސައްކަތް ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އަޟްހާ އީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ރަމަޟާން މަސް ފާހަގަކުރުމަށް މަގުތައް ޒީނަތްތެރިކޮށްފައި ހުންނަ ތަން ފެނިގެންދާ ފޮޓޯއެއް ހިއްސާކުރުމަށްފަހު އާންމު ރައްޔިތަކު ވަނީ ޕީޕީއެމްގެ ވެރިކަމެއްގައި އެފަދައިން މާލޭގެ މަގުތައްވެސް ޒީނަތްތެރި ކުރާނެ ކަމަށް އުންމީދުކުރާކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ. އެ ޓްވީޓަށް ޖަވާބުދެއްވަމުން މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން އެފަދައިން އެކަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އީދަށް މާލެ ސިޓީ ކައުންސިލުން މަގުތައް ޒީނަތްތެރިކޮށް ކުލަގަދަކޮށް އީދު ފާހަގަ ކުރުން ވެގެންދާނީ މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މިފަދައިން ހިންގި ފުރަތަމަ ހަރަކާތަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ހަތަރުވަނަ ދައުރުގެ ކައުންސިލުން ދަނީ މި 5 އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ތަންފީޒު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އެގޮތުން މަގުތައް ޒީނަތްތެރި ކުރުންވެގެންދާނީ ސެޕްގައި ހިމެނޭ "ޗާލު މާލެސިޓީ" އަމާޒަށް ވާސިލްވުމަށް އިތުރުވެގެންދާ ބޮޅަކަށް ކަމަށެވެ.