ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތައް ކުރިއަށް ނުދާތީ އާންމުންގެ ހައްގުތަކާ ގުޅުންހުރި ކަންކަމަށް ހުރަސް އެޅޭ ކަމަށް ބުނެ، ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ދެވަނަ ދައުރު ނިންމާާލައި މަޖިލިސް ޗުއްޓީ އަށް ދިއުމާ ގުޅިގެން ނެރުނު ބަޔާނެއްގައި ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ، ރައްޔިތުންގެ މަޖިލީހަކީ ގާނޫނުތައް ހެދުމުގެ މަސްއޫލިއްޔަތު ގާނޫނުއަސާސީން މަތިކޮށްފައިވާ ދައުލަތުގެ އެއް ބާރު ކަމަށާއި، އާންމުންގެ ހައްގުތަކާ ގުޅުންހުރި މުހިންމު މަސައްކަތްތައް ކުރާ އެއް ބާރު ކަމަށެވެ.
އެ ކޮމިޝަނުން ދެކޭ ގޮތުގައި، އާންމުންގެ ހައްގުތަކާ ގުޅުންހުރި މުހިންމު ބިލުތަކުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިއަށް ނުދިއުމަކީ ގާނޫނީ ނިޒާމުގެ ތެރެއިން ހައްގުތައް ކަށަވަރުކުރުމަށް އެޅިގެންދާ ހުރަހެކެވެ. މަޖިލީހުގެ މަސައްކަަތްތައް ހިނގަމުން ނުދިއުމަކީ ދައުލަތުގެ ބާރުތަކަށް ފާރަވެރިވެ، ޖަވާބުދާރީކުރުވުމަށް އޮތް ހުރަހެއް ކަމުގައި ދެކޭ ކަމަށް ވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ބުންޏެވެ.
ހަމަ އެއާއެކު، މަޖިލީހުގެ ގިނަ ކޮމިޓީތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނުހިނގާ، ގިނަ ދުވަސް ފާއިތުވެ ގޮސްފައިވާ ކަމަށް އެ ކޮމިޝަނުން ފާހަގަކުރިއެވެ.
އޭގެ އިތުރުން، އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ދައުރު އަންނަ މަހުގެ 25 އަށް ހަމަވާތީ އާ މެންބަރަކު ފާސްކުރުމަށް ފޮނުވާފައި އޮއްވާ މަޖިލިސް ޗުއްޓީ އަށް ދިއުމަކީ އިންތިހާބާ ގުޅުންހުރި ގާނޫނީ ނިޒާމު ހަރުދަނާކުރުމަށާއި، އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްތައް ކުރިމަތިވާނެ ކަމެއް ކަމަށް ބުނެ ވެސް، އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މިއަދު ދެވަނަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީ އަށް ގޮސްފައި ވަނީ، ދައުރު ދިގުދަންމާލުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ސިޓީ އެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވާފައި ވަނިކޮށެވެ. އެހެންކަމުން މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާ އެކު، ދައުރުން ބޭރުން ޖަލްސާ އެއް ބާއްވަން އެމްޑީޕީން ވަނީ ހުށަހަޅައިފައެވެ.
މަޖިލީހުގެ ގަވައިދުގެ 24 ވަނަ މާއްދާގައިވާ ގޮތުން ނަމަ، ކޮންމެ ދައުރެއްގެ ވެސް އެންމެ ފަހު ޖަލްސާ ބާއްވަން ވާނީ ހޯމަ ނުވަތަ ބުރާސްފަތި ދުވަހުގައެވެ. ހަމަ އެ ގަވައިދުގެ 45 ވަނަ މާއްދާގައިވާ ގޮތުން، މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ދައުރުން ބޭރު ޖަލްސާ އެއް ބާއްވަން ސަބަބު ބަޔާންކުރުމަށް ފަހު ސޮއިކޮށް މަޖިލީހުގެ ރައީސަށް ހުށަހަޅައިފި ނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެތެރޭ ޖަލްސާ ބާއްވަން ވާނެއެވެ.