ޕާކިސްތާންގެ އެންމެ އިތުބާރު ބައިވެރިއާގެ ގޮތުގައި ސިފަ ކުރާ ޗައިނާއިން އެގައުމުގައި ނިއުކްލިއާ ޕަވާ ޕްލާންޓެއް ހަދަން އެއްބަސްވެއްޖެއެވެ. މިއީ 4.8 ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ.
ޕާކިސްތާން ސަރުކާރުގެ މީޑިއާ ޕީވީޓީ އަށް ދެއްވި ބަސްދީގަތުމެއްގައި އެގައުމުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ވިދާޅުވީ، 'ޗަޝްމާ 5' ގެ ނަމުގައި ހިންގާ އެ ޕްރޮޖެކްޓުގެ މަސައްކަތް ވަގުތުން ފެށިގެންދާނެ ކަމަށެވެ.
ޗައިނާގެ ނެޝަނަލް ނިއުކްލިއާ ކޯޕަރޭޝަން އާއި ޕާކިސްތާންގެ އެޓޮމިން އެނާޖީ ކޮމިޝަން ގުޅިގެން ހިންގާ މި މަޝްރޫއުން ދެ މެސެޖަކީ ޕާކިސްތާނަކީ އިންވެސްޓް ކުރަން އިތުބާރު ގައުމެއް ކަމަށާއި ޗައިނާގެ ކުންފުނިތަކުގެ ޝައުގު އޮތް ކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕާކިސްތާންގެ ޕަންޖާބުގައި ގާއިމުކުރާ މި ޕްލާންޓާ އެކު އެގައުމުން ތެޔޮ އަންދައިގެން ކަރަންޓް އުފެއްދުމަށް ކުރަން ޖެހޭ ހޭދަ ބޮޑުތަނުން ކުޑަވެ، ތެލަށް ބަރޯސާބުން ނައްތާލެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިހާރުވެސް ޕާކިސްތާންގައި ނިއުކްލިއާ ޕަވާ އުފައްދާ ދެ އިންޖީނުގެއެއް ހުރި އިރު އެ ދެތަނުގެ ކެޕޭސިޓީ އަކީ 1400 މެގަވޮޓެވެ. ޗައިނާއިން މި ހަދައިދޭ އިންޖީނު ގެއިން 1200 މެގަވޮޓް އުފައްދައި ދެނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕާކިސްތާނަކީ މިހާރުވެސް ބަނގުރޫޓުވެފައި ވާ ގައުމެއް ނަމަވެސް ޗައިނާއިން އިންވެސްތް ކުރުމުން ގައުމުގެ އިގުތިސޯދީ ހާލަތަށް ކުޑަނަމަވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ލަފާކުރެވޭ އިރު އަލަށް މި ސޮއި ކުރި މަޝްރޫއުން ޗައިނާއިން ވަނީ ޕާކިސްތާނަށް 100 މިލިއަން ޑޮލަރުގެ ޑިސްކައުންޓެއް ވެސް ދީފައެވެ.
ޗައިނާގެ މި މަޝްރޫއަކީ ޕާކިސްތާނާއި އަފްގާނިސްތާން ހިމެނޭހެން ކުރިއަށް ގެންދާ 65 ބިލިއަން ޑޮލަރުގެ 'ބެލްޓް އެންޑް ރޯޑް' މަޝްރޫއުގެ ދަށުން ކުރިއަށް ދާ މަސައްކަތެއް ކަމެއް ސާފެއް ނުވެއެވެ.
އާ ނިއުކްލިއާ މަޝްރޫއަކީ މީގެ އަހަރުތަކެއް ކުރިންސުރެ ފަށަން މަޝްވަރާ ކުރި މަޝްރޫއެއް ނަމަވެސް ނުފެށި ލަސްވެގެން މިހާ ހިސާބަށް އައި ސަބަބުތައް ވެސް ސާފެއް ނުވެއެވެ. ނަމަވެސް މިހާރު މި މަޝްރޫއު ފަށަން ޗައިނާއިން ވަނީ 104 މިލިއަން ޑޮލަރުގެ އެޑްވާންސް ޕޭމަންޓެއްވެސް ދީފައެވެ.