މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އަންހެނުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 13 ފަރާތަކަށް 'ރަނި އެވޯޑް' ދީފިއެވެ.
އަންހެނުންގެ ކޮމިޓީއަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ލޮނު ޒިޔާރަތް ކޮޅުގައި ބޭއްވި ހަފްލާގައި މި އެވޯޑްތައް ހަވާލުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއެވެ.
އަންހެނުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމަށް އަންހެނުންގެ ކޮމިޓީން ދޭން ފެށި ރަނި އެވޯޑް މި އަހަރު ލިބުނު ފަރާތްތަކަކީ؛
ތައުލީމީ ދާއިރާ:
- ވިސާމާ ހަސަން / މ. މުލި
- ޑރ އާއިޝަތު ޝިނާ / މއ. ޑޯންލައިޓް
- އާއިޝަތު ނަސީމާ / ހ. ޕިންކް ސްޓާ
އިގްތިސާދީ ދާއިރާ:
- އައިމިނަތު ވިލީނިއާ / ގ. މެޑޯ
- ޒިދުނާ އަލީމަނިކު / މއ. ފޮގެޓްމީނޮޓް
- އާއިޝަތު ޝަރީފާ އިބްރާހީމް / މ. ސަބުދެލިގެ
- ނަސްރީނާ އަބްދުލްކަރީމް / ހ. ރުކުމާގެ
އިޖްތިމާއީ ދާއިރާ:
- އައިމިނަތު ފަހީމް / ހ. ފެހިވިނަމާގެ
- ރަދީފާ ހުސައިން / މ. ޖާރަލްގެ 1
- އާއިޝަތު ޝިރުހާން / މ. ހިޔަލީގުލްޝަން
- އައިޝަތު ސީމާ / މ. ފެހިގެ
- އައިޝަތު ލީނާ / މއ. ވާދީގެ
އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާ:
- މަރިޔަމް ލައިޒާ / ހ. ފެހިއާލާ
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން ބުނީ މި އެވޯޑަކީ އެކި ދާއިރާތަކުން އަންހެނުން ގައުމަށް ކޮށްދީފައިވާ އަދި ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ހިއްވަރު ދިނުމުގެ ގޮތުން ދޭން ފެށި އެވޯޑެއްކަމަށެވެ. އަދި މި އެވޯޑަކީ މުޖުތަމައުގެ އަންހެނުންނައް ދިމާވާ ގޮންޖެހުން ތަކުގެ ހައްލު ހޯދައި އެ މީހުންގެ ދަރަޖަ އުފުލުމަށް ކުރެވިފައި މިންވަރު އިތުރުކުރުން ދޭން ނިންމާފައިވާ އެވޯޑެއް ކަމަށެވެ.
މީގެ އިތުރުން ފާއިތުވި ދެ އަހަރު ކޮމިޓީގައި އެންމެ ރަގަޅަށް މަސައްކަތްކުރި މެންބަރުންގެ އަގު ވަޒަންކޮށް އެ މެންބަރުންނަށްވެސް އެވޯޑް ހަވާލު ކޮށްފައެވެ. މި ގޮތުން ފާއިތުވި ދެ އަހަރު އެންމެ ރަނގަޅު މެންބަރުންގެ ގޮތުގައި ހޮވިފައިވަނީ:
- ގަލޮޅު ހުޅަނގު ދާއިރާގެ މެންބަރު އައިމިނަތު އަބްދުލް ގައްޔޫމް
- ގަލޮޅު މެދު ދާއިރާގެ މެންބަރު ފާތިމަތު ޝިރްމީނާ
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު ފާތިމަތު ލައިޒާ
- މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު ފާތިމަތު ބަދޫރާ
މި ހަފްލާގައި ވާހަކަދައްކަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެވޯޑް ލިބުނު ކަނބަލުންގެ މަސައްކަތްތެރި ކަމުން ދިވެހި ކަނބަލުންނަކީ ހިތްވަރުގަދަ ކެރޭ ބައެއްކަން އެނގިގެން ހިނގައްޖެ ކަމަށެވެ. އަދި އިތުރު އަންހެނުންގެ ކިބައިން ނަމޫނާ ލިބިގަންނަ ބަޔަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.