ޗައިނާ އާ މެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަ ކުރުމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ޗައިނާއަށް ވަޑައިގެން ޝީ އާ ބައްދަލުކުރެއްވިތާ 1 ދުވަސް ފަހުނ އެއީ ޑިކްޓޭޓަރެއް ކަމަށް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން އެހެން ވިދާޅުވީ، ކެމްޕެއިން އަށް ފައިސާ އެއްކުރުމަށް ކެލިފޯނިއާގައި ބޭއްވި އިވެންޓެއްގައެވެ. ބައިޑަން މި މޭރުމުން ވާހަކަ ދެއްކެވީ ކޮން ކަމަކަށް އިޝާރާތް ކުރައްވާފައި ކަން މުޅިން ސާފު ނުވި ނަމަވެސް ޝީ ޖިންގްޕިން އާއި ބްލިންކެން ބައްދަލު ކުރެއްވުމަށް ފަހު ޝީ ވިދާޅުވެފައި ވަނީ މަޝްވަރާތަކުން ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ހާސިލުވި ކަމަށެވެ. ބަލިންކެން ވިދާޅުވެފައި ވަނީ އިތުރު މަޝްވަރާތަކަށް ދެފަރާތްވެސް ތައްޔާރު ކަމަށެވެ.

ބްލިންކެން ޗައިނާ އަށް ކުރެއްވި ދަތުރަކީ، މިއަހަރު ފަހު ކޮޅަށް އިންތިޒާމު ކުރާ ބައިޑަން އާއި ޝީ ގެ ބައްދަލުވުމަށް މަގު ކޮށަށް ކުރެއްވި ދަތުރެކެވެ.

ބައިޑަން އިތުރަށް ވިދާޅުވެފައި ވަނީ، އެމެރިކާ މައްޗަށް ދާދި ފަހުން އެރުވި ޗައިނާގެ ސްޕައި [ޖާސޫސީ] ބެލޫންތަކާ ގުޅިގެން ލަދުވެސް ގަންފައި ކަމަށެވެ.

"ޝީ ރުޅި އައިސްގެން އުޅެނީ، އެ ސްޕައި ބެލޫންތައް އަހަރެއް ގޮއްވާލީމައި، އޭގައި 2 ކާރު ފުރާ އެޅޭހާ ގިނަ ޖާސޫސީ އާލާތްތައް [އިކްއިޕްމަންޓް] ހުރި، އެކަން ޝީ އަށް ނޭނގެނީ، އެކަން ވީގޮތް [ޝީ އަށް] ނޭނގޭ އިރު އެއީ ޑިކްޓޭޓަރުން ލަދުގަންނަ ވަރުގެ ބޮޑު ކަމެއް"

ބްލިންކެން އަކީ، ބައިޑަން ވެރިކަމަށް ވަޑައިގެންނެވި ފަހުން ޗައިނާއަށް ވަޑައިގެންނެވި އެމެރިކާގެ އެންމެ އިސް އޮފިޝަލެވެ. އެ މަޝްވަރާތަކަށް ފަހު ކުރިއެރުންތަކެއް ލިބުނު ކަމަށް ދެގައުމުގެ ބައެއް އޮފިޝަލުން ވިދާޅުވި ނަމަވެސް ބްލިންކެން ވިދާޅުވެފައި ވަނީ، ހިޔާލުތަފާތުވުން ހުރި ބޮޑެތި މައްސަލަތައް ހުރީ ހުރިގޮތަށް ކަމަށެވެ.

ދެގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައި އޮންނަ މައިގަނޑު މައްސަލަ ތަކުގެ ތެރޭގައި ވިޔަފާރީގެ ވާދަވެރިކަމާއި، ޗައިނާއިން އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، ޓައިވާން މައްސަލަ ހިމެނެއެވެ.

ޗައިނާ އާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތު އެކި ފަހަރު އެކި މިންވަރަށް ހަރުކަށި ކޮށް، ބަހުގެ ހަމަލާތައް ދޭއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ދައްކާ ސިޔާސީ އެއްވާހަކައަކަށް ޗައިނާގެ ވާހަކަ ވަނީ ހިމެނިގެން ގޮސްފައެވެ. އެ އިންތިހާބުގައި ވާދަކުރާ އެކި އެކި ކެންޑިޑޭޓުން ޗައިނާ އާ މެދު ހަރުކަށި އިބާރާތްތައް ބޭނުން ކޮށް ފާޑު ކިޔާ އިރު، ބައިޑަންގެ ކެމްޕެއިންގައި ޗައިނާ އަށް ފާޑު ވިދާޅުވާލެއް ކުޑަކަމުން ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ބައިޑަން އަށް ފާޑުވިދާޅުވަމުންނެވެ.

ބައިނޑަންގެ މި ކޮމެންޓަށް ޗައިނާއިން އަދި ރައްދެއް ނުދެއެވެ.