ކުރިމަތިވަމުން އަންނަ އަޟްހާ އީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރިގަދަ ކޮށް ފާހަގަކުރަން ނިންމާފައިވާއިރު ނެށުންތެރިންވެސް ވެސް އަންނަނީ އީދަށް ތައްޔާރުވުމުގެ ގޮތުން އެމީހުންގެ ހުށައެޅުންތައް ފަރިތަކުރަމުންނެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ޓީމު "ޔާރާ" ޓީމު ވެސް އަންނަނީ ވަރަށް ފޯރިއާއެކު ބ ތުޅާދޫ އަށް ޝޯދޭން ދާން ތައްޔާރުވަމުންނެވެ. މި މަހުގެ 28 އަދި 29 ވަނަ ދުވަހު ތުޅާދޫ ބަނދަރު ސަރަހައްދުގައި މި ޓީމު ޝޯ ދޭން ނިންމާފައިވާއިރު ޔާރާ ޓީމުގައި ހިމެނޭ މެންބަރުންނަނީ އާއިޝަތު ރިޝްމީ ރަމީޒް، އަހްމަދު އަޒްމީލް (އަޒޭ)، އިސްމާއިލް ޖުމައިހް (ޖުމާ)، އާމިނަތު ރަޝްފާ (އާޝާ)، ނުޒުހަތު ޝުއައިބު އަދި ޝަދިޔާން (ސޭންޑީ) އެވެ. ޔާރާ ޓީމުގެ އިތުރުން 29 ވަނަ ދުވަހުގެ ރޭ މޯލްޑިވިއަން އައިޑަލް ސީޒަން އައިޑަލްގެ ފަސްޓް ރަނަރަޕް ޝަލަބީ އިބްރާހިމް ވެސް ޝޯ ދިނުމަށްވަނީ ހަމަޖެހިފައެވެ.

ތުޅާދޫ ސިލްވަރ ޝައިން ކުލަބުން އިސްނަގައި ތުޅާދޫގެ އެހެނިހެން ކުލަބް ޖަމިއްޔާތަކާއި ރަށުގެ ޒުވާނުންނާއި ގުޅިގެން ތުޅާދޫގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާ "ތުޅާދޫ ޢީދު ފޯރި" އެންމެން ގުޅިގެން މި އަހަރު ވަރަށް ފޯރިއާއެކު ބާއްވަން ވަނީ ނިންމާފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކުލަގަދަކޮށް އީދު ފާހަގަކުރަން ނިންމާފައިވާއިރު އައްޑޫ އަތޮޅުގައި ބާއްވާ އީދު ޝޯ އަށް ވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ފައިޒް ގެންނަން ނިންމާފައެވެ. އަދި ހއ ކެލާގެ ކައުންސިލުން ވަނީ އެ ރަށުގައި އީދު ފާހަގަކުރުމަށް އިންޑިއާގެ ބޭންޑެއް ގެންނަން ނިންމައިފައެވެ.