އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ ތެރެއިން ރާމައްލޯ އާއި ނާބުލުސް އާ ދެމެދު އޮންނަ އެލީ ސެޓްލްމަންޓަށް ދިން ހަމަލާއެއްގައި ޔަހޫދީ ވަޒަންވެރިންގެ 4 މީހަކު މަރުވެ 4 މީހަކު ޒަހަމްވެއްޖެއެވެ.

މިހަމަލާ ދިނުމުގައި 2 މީހަކު ބައިވެރިވާ އިރު އެކަކު ޝަހީދު ކޮށްލެވިފައި ވާ ކަމަށް ޔަހޫދީ ސިފައިން ބުނެއެވެ. އަދި ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަލްޖަޒީރާ ނިއުސް އެޖެންސީން ރިޕޯޓު ކުރާ ގޮތުގައި ޔަހޫދީ ވަޒަންވެރިންގެ 4 މީހުން މަރުވި ހަމަލާ ދީފައި ވަނީ އެލީ ސެޓްލްމަންޓަށް ވަންނަ ހަތަރު އަނގޮޅީގައި ހުނަން ގޭސް ސްޓޭޝަނަކަށެވެ. އެއީ ޕެޓްރޯލާއި ޑީސަލް ހުންނަ ސްޓޭޝަނެކެވެ.

މިހާދިސާ އާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ވަނީ ސެކިއުރިޓީ ކޮމިޓީގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައެވެ.

މިހަމަލާ ޔަހޫދީ ވަޒަންވެރިންނަށް އަމާޒުވެގެން މިދިޔައީ، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހުގެ ސަރުކާރުގައި ހިމެނޭ ހައްދުފަހަނަ އަޅާފައިވާ ކަނާތު ފިޔައިގެ ވަޒީރުން ފަލަސްތީނާ ދެކޮޅަށް މާސިންގާ އަސްކަރީ ހަރަކާތެއް ހިންގުމަށް ގޮވާލައި، ޖެނީން ރެފިއުޖީ ކޭމްޕަށް ވަދެ 6 މީހަކު ޝަހީދު ކޮށްލާފައި ވާ ދަނޑިވަޅެއްގައެވެ. އަދި މި ފާއިތުވެ ދިޔަ 9 ގަޑިއިރެއްހާއިރު ގެ ތެރޭގައި ޔަހޫދީ ސިފައިން ވަނީ ފަލަސްތީނުގެ 91 މީހަކު ޒަހަމްވެސް ކޮށްލާފައެވެ.

ބައިނަލްއަގުވާމީ ގާނޫނު ތަކާ ހިލާފަށް ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ބިންތަކަށް ފެތުރިފައި ވާ އިރު ހުޅަނގު އައްސޭރިއާއި އިރުމަތީ ޖަރޫސަލަމް ގައި 750،000 އެއްހާ ވަޒަންވެރިން ދިރިއުޅެމުން ގެންދެއެވެ.

ޔަހޫދީން ވަޒަންވެރި ކުރުވުމަށް ހިންގާ ޣައިރުގާނޫނީ މަސައްކަތްތައް ހުއްޓާލުމަށް މިއަދުވެސް އދ ގެ ސެކްރެޓަރީ ޖެނެރަލް އެނޓޯނިއޯ ގުޓަރޭސް ގޮވާލެއްވިއެވެ. ނަަވެސް އެ ގޮވާލެއްވުން އިޒްރޭލަށް އިޥޭކަމަކަށް ނުވެއެވެ. އެމީހުން ކުރާނެ ކަމެއް އަޅާނެ ގެއެއް އަޅަމުން، ދާއިރު އދ އަށް ކުރެވޭހާވެސް ކަމަކީ، އެކަން ނުކުރުމަށް ބާރުއަޅާ ގަރާރެއް ފާސްކޮށްލުމެއެވެ. އިޒްރޭލާ ދެކޮޅަށް ހަރުދަނާ ފިޔަވަޅެއް އަޅަން ސަލާމަތީ މަޖިލީހުން ފާހެއް ނުވެއެވެ. އެމެރިކާ ވީޓޯ ކުރެއެވެ.

މިއަދު ޔަހޫދީންގެ 4 މީހަކު މަރުވި މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.