ހުޅުމާލޭގައި މިއަދު އިރުއޮއްސުނު އިރު ހިނގި ކާރު އެކްސިޑެންޓްއްގައި ކާރު ދުއްވަން އިން ޑްރައިވަރު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި އަނިޔާ ލިބުނު ކާރު ޑްރައިވަރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ ވަނީ މަރުވެފައެވެ. މަރުވެފައި ވަނީ އުމުރުން 65 އަހަރުގެ މީހެއް ކަމަށް މައުލުމާތު ލިބެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ، ހުލުމާލެ ފޭސް 1 ގެ ޕްލެޓިނަމް ފްލެޓްތައް ކައިރީގައި ދެ ކާރު ޖެހި އެތަނުން އެއްކާރު ކޮންޓްރޯލް ނުވެ ގޮސް މަގުގެ ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތި މިއަދު ހަވީރު 5:45 ހާއިރު ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި ތިން މީހުންނަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.

ތިން މީހުންވެސް އެވަގުތު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައެވެ. މަރުވި މީހާ އިން ކާރުގައި އޭނާ ނޫން އިތުރު މީހަކު ނެތެވެ. ދެން އަނިޔާވި ދެމީހުންނަކީ އެކްސިޑެންޓްވި އަނެއް ކާރުގައި ތިބި ދެމީހުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި އެކްސިޑެންޓާ ގުޅޭ ބައެއް ވީޑިއޯ ފުޓޭޖްތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، މި އެކްސިޑެންޓް ހިނގާފައި ވާ ސަރަހައްދުގައި މަގުގެ ދެ ލޭން ވަކި ކުރުމަށް ޖަހާފައިވާ ހޮޅިތައް [ޑިވައިޑަރު] ގައި ކަޅު ކުލައިގެ އަވަސް ރައިޑްގެ ޓެކްސީ ޖެހިފައިވާ އިރު އެ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރު ފެނެއެވެ.

ކާރުގެ ކުރީކޮޅު ހަލާކުވެފައިވާ އިރު ފުރޮޅު ވެސް ހަލާކުވެފައިވާ ތަން ފެނެއެވެ. އަދި ދުރުގައި އޮތް ހުދު ކާރެއްގެ ކުރީކޮޅު ހަލާކު ވެފައިވާ މަންޒަރު ފެންނަ އިރު، މި އެކްސިޑެންޓް ހިނގާފައި ވަނީ ދެ ކާރު ޖެހިގެންނެވެ.