ޕީޕީއެމްގެ ކެލާ ދާއިރާގެ ރައީސް އަހުމަދު ގާލިބް، އެ ޕާޓީން ވަކިވެ އެމްޑީޕީއާ ގުޅިއްޖެއެވެ.

އެކަމާ ގުޅިގެން އެމްޑީޕީއިން ބުނީ ޣާލިބް މިއަދު އެމްޑީޕީއާއި ގުޅިފައިވާ ކަމަށާއި ޣާލިބްއާއެކު ގިނަ ޕީޕީއެމްގެ މެމްބަރުން ތަކެއްވެސް އެމްޑީޕީއާ ގުޅިފައިވާ ކަމަށެވެ.

މި މަހުގެ 10 ވަނަ ދުވަހު ޣާލިބް ބުނީ ޕީޕީއެމްއާ އެކުގައި ކުރިއަށް ދިޔުމަށް އެކަށީގެންވާ ހާލަތެއް ނެތުމުން ޕީޕީއެމް/ޕީއެންސީގެ ކެލާ ދާއިރާގެ ރައީސް ކަމުންނާއި ޕާޓީގެ ސެނެޓުން މިއަދުން ފެށިގެން އިސްތިއުފާ ދޭން ނިންމަވާފައިވާ ކަމަށެވެ.

ޣާލިބު ބުނީ އޭނާގެ މަންމައާއި ބައްޕަ އަދި އެއްބަނޑު ކުދިންގެ އިތުރުން ޒަކީގެ ދެމަފިރިން ވެސް އެ ދުވަހު ޕާޓީން ވަކިވުމަށް އެދި ހުށަހަޅައިފި ކަމަށެވެ.

ޕީޕީއެމްގެ ކެލާ ދާއިރާގެ ރައީސް ކަމަށް ޣާލިބް އިންތިހާބު ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ދާއިރާގެ ރައީސަކަށް އޭނާ އިންތިހާބު ވީ ޕީޕީއެމްގެ އާންމު މެމްބަރުންގެ 239 ވޯޓުންނެވެ.

ޣާލިބަކީ ޕީޕީއެމްގެ ނައިބު ރައީސް, މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ދެބެންގެދެދަރި މީހެކެވެ. އަދި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އިގްބާލް އާދަމް އާއި ސެކްރެޓަރީ ޖެނެރަލް އަލީ އާރިފްގެ ކޮއްކޮއެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި އެހެން ކެންޑިޑޭޓަކު ނެރުމާމެދު ޕާޓީގެ މެންބަރުންގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިފައި ވާ އިރު، ދެން ކުރިމަތިލައްވާނެ ކަމަށް ކިޔާ ކެންޑިޑޭޓުންގެ ތެރޭގައި ޑރ. މުއިއްޒުގެ ނަން ކިޔައެވެ.