އިޒްރޭލުން ޖަލުގައި ބަންދުކޮށްފައި ހުރި ހަމާސްގެ ލީޑަރެއްގެ ދަރިއާއި އިތުރު މީހަކު އަތުލައިގަތުމުގެ ނަމުގައި ޕަލަސްތީނުގެ ޖެނީން ރެފިއުޖީ ކޭމްޕަށް ވަދެ ހަމަލާދީ 3 މީހަކު ޝަހީދު ކޮށްލައި 37 މީހަކު ޒަހަމް ކޮށްލައިފިއެވެ.

ޔަހޫދީން ބުނަނީ، އެމީހުން ޖެނީން އަށް ވަނުމުން އެމީހުންނަށް ހަމަލާ އަމާޒު ވީ ކަމަށާއި، ރައްދުގައި ދިން ހަމަލާތަކުން ބަޔަކު މަރުވީ ކަމަށެވެ.

ނަމަވެސް ހަބަރުތައް ބުނާގޮތުން ޔަހޫދީ ސިފައިން ވަނީ، ޖެނީން އަށް ވަދެ ލައިވް ވަޒަން ޖަހައި، އަތުބޮން [ކުއްލި ޝޮކެއް ލިބޭ ބޮން] އުކައި، ވިހަ ގޭސް ޖަހާފައެވެ.

ވަފާ ނިއުސް އެޖެންސީން ވުނީ ޝަހީދުވި މީހުންގެ ތެރޭގައި 15 އަހަރުގެ ކުއްޖަކުވެސް ހިމެނޭ ކަމަށެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުން ޔަހޫދީން ވެހިކަލެއްގައި ޖެނީން އަށް ވަދެ ނިކުންނަނިކޮށް އެ ވެހިކަލަށް އަމާޒުކޮށް ޖެނީންގެ ތެރެއިން އެއްލި އަތުބޮމެއް ގޮވައި ވެހިކަލަށް ގެއްލުން ލިބުނު ވަގުތު، ވެހިކަލް ނުކުތުމަށް އެހީވުމަށް ހެލިކޮޕްޓަރުގައި ޔަހޫދީ ސިފައިން ގޮސް އެ ހަމަލާ އައި ދިމާ އަށް ބަޑި ޖެހީއެވެ.

ސަނަދް ނިއުސް އެޖެންސީން އާންމު ކުރި ވީޑިއޯ އަކުން ފެންނަ ގޮތުގައި ޔަހޫދީ ހެލިކޮޕްޓަރުން ފޮނުވާލީ ރޮކެޓް ހަމަލާއެކެވެ. އޭރު ހެލިކޮޕްޓަރަށް ވުރެ މަތީގައި ސަވައިލަންސް [ފާރަލާ] މަތިންދާ ބޯޓުވެސް ދުއްވަމުން ދިޔައެވެ.

ޔަހޫދީން މި ހަމަލާ ދިން ވަގުތަކީ، ވަގުތު ޖެހިއްޖެ ކަމަށާއި ފުޅާ ބޮޑު އުފަރޭޝަނެއް ހިންގަން ވީ ކަމަށް ޔަހޫދީ ފިނޭންސް މިނިސްޓަރު ބުނެފައި ވާ ވަގުތެކެވެ.