ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލި ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލަައިގަންނަން ޖެހޭނެކަމަށް މިއަދު ސުޕްރީމް ކޯޓުން ހުކުން ކޮށްފިއެވެ.
މަކަރާއި ހީލަތުގެ މައްސަލައެއް ސާބިތުވެ ނާޒިމްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުން އޭނާގެ ގޮނޑި ގެއްލިފައިވާ އިރު އެ މައްސަލައިގައި ބަދަލު ހޯދުމަށް ނާޒިމް ދައުވާ ކުރީ، 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމް ބާތިލުކުރުމާ ގުޅިގެންނެވެ.
ނާޒިމްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލުކުރުމާއެކު މެންބަރެއްގެ ހައިސިއްޔަތުން އޭނާއަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކާ ޕެންޝަން އަދި ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާތީ އޭގެ ބަދަލު ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް ޝަރުއީ ކޯޓުތަކުން ނިންމާ އެއްވެސް ނިންމުމަކާ ގުޅޭ ގޮތުން ބަދަލު ހޯދުމަށް ހުށަހަޅާ މައްސަލަތަކުގެ އިހްތިސޯސް އެ ކޯޓަށް ނެތް ކަމަށް ނިންމާ ސިވިލް ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ. އެ ނިންމުން ސިވިލް ކޯޓުގެ އިސް ގާޒީއަށް ހުށަހެޅުމުން އިސް ގާޒީ ވަނީ އެ ކޯޓުގެ ރަޖިސްޓްރާގެ ނިންމުން ދަމަހައްޓާފައެވެ.
ނާޒިމްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ބުނީ އޭނާ ހުށަހެޅި މައްސަލަ މައުލޫއީ ގޮތުން ބަލާފައި ނެތަސް، އެ މައްސަލަ ބަލައިނުގަތުމަށް ނިންމުމުގައި ދަށު ކޯޓުންނާއި ހައި ކޯޓުން މައްސަލައިގެ މައުލޫއަށް ގޮތް ނިންމާފައިވާ ކަމަށެވެ. މި މައްސަލައިގައި މިއަދު ސްޕްރީމް ކޯޓުން ކުރި ހުކުމުގައި ނިންމީ، ސިވިލް ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ރަޖިސްޓްރާއަށް ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ބޭރުން ކަމަށެވެ.
މީގެ އިތުރުން ސްޕްރީމް ކޯޓުގެ ހުކުމުގައިވަނީ ހުށަހެޅިފައިވާ މައްސަލައަކީ ގެއްލުމުގެ ބަދަލު ހޯދުމަށާ، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ހޯދުމަށް ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅި މައްސަލައެއް ކަމަށެވެ. ގެއްލުން ލިބިފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމެއްގެ ސަބަބުން ކަން ފާހަގަކޮށް މި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެކަމުގެ މައްޗަށް ބިނާކޮށް ދައުވާކުރެވޭނެ ކަން ނުވަތަ ނޫން ކަން ނިންމުމަކީ ހުށަހެޅިފައިވާ ދައުވާގެ މައުލޫގެ ބަޔަކަށް ރަޖިސްޓްރާ ގޮތް ނިންމުމުން ކަމަށާއި މިއީ ގާނޫނީ ގޮތުން ރަޖިސްޓްރާގެ މަސްއޫލިއްޔަތެއް އަދި ޒިންމާއެއް ވެސް ނޫންކަމަށެވެ.
މި ހުރިހާ ސަބަބުތަކަށް ބަލާ ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ނާޒިމްގެ ފަރާތުން ބަދަލު ހޯދަން ހުށަހެޅި މައްސަލައަކީ ސިވިލް ކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ބަލައިނުގަތުމަށް ދަށު ކޯޓުގެ ރަޖިސްޓްރާ އާއި އިސް ގާޒީ ނިންމެވި ނިންމެވުމާ، ހައި ކޯޓުން އެ ނިންމުންތައް ދަމަހައްޓަން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.
މީނަ މިފަހަރު ރައީސް ކަމަށް ކުރިމަތިނުލީ ލާރިކޮޅު މަދުކަމުން ހެން ހީވަނީ އަވަހަށް ބަދަލު ލިބޭގޮތް ހަދާ