ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިދިޔަ ބުރާސްފަތި ދުވަހު ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މި އެކްސިޑެންޓްގައި އަނިޔާވީ 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާދެމުން ދިޔައީ ހުޅުމާލޭ ހޮސްޕިޓަލްގައެވެ. ނަމަވެސް އޭނާއަށް އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ވަނީ ބަދަލުކޮށްފައެވެ.

އެ ޒުވާނާ އަށް މިހާރު ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް "ދަ ޕްރެސް"އަށް އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

މި އެކްސިޑެންޓް ހިނގީ ހުޅުމާލެ 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ "އަމަން އުދަރެސް" ފްލެޓްތައް ކައިރީގައެވެ. ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ހާއިރުއެވެ.

ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކުން ފެންނަ ގޮތުގައި، އެ މީހާގެ އަތް އޮތީ ވަރަށް ބޮޑަށް މަށައިގެން ގޮސްފައެވެ. މި އެކްސިޑެންޓްގައި ބަހަށް ވެސް ގެއްލުންތަކެއް ލިބިފައިވާއިރު ސައިކަލު ބަހުގައި ޖެހި، ބަހުގެ ބިއްލޫރިގަނޑެއް ވެސް ހުރީ ވަރަށް ބޮޑަށް ތަޅައިގެން ގޮސްފައެވެ.