އަމާޒަކީ ރާއްޖެ އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތިން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމެއް އުފައްދުން ކަމަށް އަދާލަތު ޕާޓީގެ ރައީސް, ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބަށް އަދާލަތު ތައްޔާރުވުމުގެ ގޮތުން ޕާޓީގެ އިސް މެންބަރުންތަކަކާ އެކު ރޭ ބޭއްވި އެއެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ، އަދާލަތަކީ އާދައިގެ ޕާޓީއެއް ނޫންކަން ޕާޓީގެ މެންބަރުންގެ ވިސްނުމުގައި ވެސް ބަހައްޓަން ޖެހޭ ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ޕާޓީގެ ދުވެލި އިތުރަށް ބާރުކުރަން ފުރުސަތު ވެސް ލިބިގެން ދާނެ ވަގުތެއް ކަމަށާއި އެންމެން އެކީގައި މަސައްކަތްކޮށްގެން އިންތިހާބު ކާމިޔާބުކޮށް، ކުރިއަށް އޮތް ފަސް އަހަރު ވެސް އިސްލާހީ މަސައްކަތްތައް ކުރަން އެތައް ފުރުސަތެއް ލިބޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ ފާއިތުވި 18 އަހަރުގެ ތެރޭގައި ރާއްޖެ އަށް އިސްލާމީ ހެޔޮ ބަދަލުތަކެއް އަދާލަތުގެ ވަރަށް ބޮޑު ހިއްސާއަކާ އެކީ ގެނެވިފައިވާ ކަން ފާހަގަކުރައްވާފައެވެ.

އިމްރާން އިތުރަށް ވިދާޅުވީ، ރާއްޖެ އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތިން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމެއް ރާއްޖޭގައި އުފައްދަން އުޅުއްވާ ކަމަށާއި އެކަން ކުރަން ކުރަހާފައިވާ މަގު ސްޓްރެޓެޖިކް ޕްލޭންގައި ވަރަށް ސާފުކޮށް ކަނޑައަޅާފައި ވާނެ ކަމަށެވެ. އެ މަގާ ހަމައަށް ދަތުރުކުރެވެނީ، މިއަދުއްސުރެ ފެށިގެން އެ މަގުން ދަތުރުކުރުމުގެ އަޅަން ޖެހޭ ފިޔަވަޅުތައް ސާބިތުކަމާއި ހަމަކަމާއެކު އަޅައިގެން ކުރިއަށް ގެންގޮސްގެން ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން މި އުޅެނީ ރާއްޖެ އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތިން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމެއް ރާއްޖޭގައި އުފައްދަން. އަޅުގަނޑުމެންގެ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅާފައި ވާނެ އެކަން ކުރަން ކުރަހާފަވާ މަގު ވަރަށް ސާފުކޮށް،
އިމްރާން

ދުނިޔެއަކީ ގުޅި ލާމެހިފައިވާ ތަނެއް ކަމަށާއި އެހެންކަމުން އެހެން ގައުމުތަކުން ފިލާވަޅުތައް ލިބިގަންނަން ޖެހޭ ކަމަށާއި ހާއްސަކޮށް އިސްލާމީ ދުނިޔޭގެ ސިޔާސީ ހަރަކާތްތަކާއި ސިޔާސީ ޕާޓީތައް މަސައްކަތް ކުރާ ގޮތާއި، ކުރިއަރާ ގޮތާއި، އެޕާޓީތަކުގެ ވިސްނުން ބައްޓަން ކުރަމުންދާ ގޮތާއި، ދަރުސްތަކުން އިބުރަތް ލިބިގަނެގެން އޭގެ މައްޗަށް މަސައްކަތް ބައްޓަން ކުރަންޖެހިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމާފައި ވަނީ އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭއެވެ. އޭގެ ތެރެއިން އަދާލަތު ޕާޓީއަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ.