އެމެރިކާގެ ޔުނިވާސިޓީތަކުގައި ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކޮށް ދެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފައެވެ.

ޝާހިދު މިފަދައިން އެދިވަޑައިގެންފައި ވަނީ، ރާއްޖެއާއި އެމެރިކާއާ ދެމެދުގައި ރެސިޑެންޓް އެމްބަސީތައް ގާއިމް ކުރުމަށް އެމެރިކާއަށް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ކުރެއްވި ދަތުރުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ ބައްދަލުކުރައްވާައި ދެއްކެވި ވާހަކައިގައެވެ. މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމުގައި ދިވެހިންނަށް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތުތައް އެ ގައުމުގެ ޔުނިވާސީޓީތަކުން ފަހިކޮށް ދިނުމަށް މިނިސްޓަރު ޝާހިދު އެދިވަޑައިގެންފައިވާ އިރު، އެމެރިކާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ މާފުކޮށް ދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

ސެކްރެޓަރީ ބްލިންކެން ވަނީ މިފަދަ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، އެމެރިކާއިން ދިވެހިންނަށް ވިސާ ދިނުމުގެ ކަންކަން ހަރުދަނާ ކުރެވޭނެ ގޮތްތައް ހޯދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މިކަމުގެ ސަބަބުން ސަގާފީ ބަދަލުތަކާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް އެ މަޝްރާގައި ބަދަލު ކުރެވުނު ވާހަކަތަކުގެ ތެރޭގައި ހިމެނެއެވެ.

ޑިމޮކްރަސީ ކުރިއަރުވައި ހަރުދަނާ ކުރުމާއި، އިގްތިސޯދީ ކުރިއެރުމަށް ކުރާ މަސައްކަތްތަކާއި، ބަދަލުވަމުންދާ މޫސުމަށް އަހުލުވެރިވުމާއި، ދިފާއީ އެއްބާރުލުމާއި، މިނިވަން އިންސާފުވެރި އިންތިހާބާއި، ހިޔާލުފާޅު ކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމާ ގުލޭ ގޮތުން ވަނީ އެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. ދެ ގައުމުން ވެސް ވަނީ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގްވާމީ ނިޒާމެއް ދެމެހެއްޓުމުގެ މުހިންމުކަން ދެނެގަނެ، ސަރަހައްދީ ހަމަޖެހުމާއި، ކަނޑުގެ ސަލާމަތާއި، ސުލްހަ މަސަލަސް ކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މިނިސްޓަރު ޝާހިދު ވަނީ އިންޑޯ ޕެސިފިކް ސަރަހައްދުގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ސަރަހައްދުގައި އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

ސެކްރެޓަރީ ބްލިންކެން ވަނީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ރާއްޖެއިން ކުރަމުންދާ ކާމިޔާބު މަސައްކަތްތަކަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި ތިމާވެށީގެ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކްލައިމެޓް ޑިޕްލޮމަސީގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލާއި، ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލްޣަފޫރު މުހައްމަދާއި، ރާއްޖެއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން އާއި، ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި، ޗީފް އޮފް ޕްރޮޓޮކޯލް އަހްމަދު ޝިޔާނާއި، ޑިރެކްޓާ ޖެނެރަލް އަހްމަދު ނާސިރުގެ އިތުރުން ދިވެހި އެމްބަސީގެ ކައުންސެލަރު ޒީނާ ދީދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.