ކުރިއަށް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް ތާއީދު ކުރުމަށް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ނިންމަވައިފިއެވެ.
އެކަން ހާމަކޮށް މިއަދު އާޒިމާ ނެރުއްވާފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ، މިއަދު ރާއްޖޭގެ ކަންކަން ކުރިޔަށްދާ ގޮތުން، ގާނޫނުއަސާސީގެ ހުކޫމާތު ގެއްލިފައިވާތީ އާއި އަދި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް މިހާރު ހިމާޔަތްކުރާތީ މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބުގައި، މިސަރުކާރު ބަދަލުވާންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަދި ނާޒިމް އަކީ މީގެ ކުރިންވެސް ދައުލަތަށް ދިމާވި ވަރަށް ގިނަ އަދި ބޮޑެތި ހައްސާސް ކަންކަމުގައި ވަރަށް ގާތުން އެކުގައި މަސައްކަތްކޮށްފައިވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ސުނާމީ ކާރިސާގެ ދުވަސްތަކާއި 2012 އަދި 2013 ގައި ގައުމުގައި ހަމަޖެހުމާއި މަސްލަހަތު ގާއިމުކޮށް، އިންތިހާބަކަށް ޖާގަދީ، ސަރުކާރު ބަދަލުވުމުގެ މަރުޙަލާ އަމާންކަމާއެކު ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ހިމެނޭ ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުންވެސް ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލުމުގެ މަސައްކަތްފަދަ މަސައްކަތްތަކަކީވެސް ނާޒިމާއި އެކުގައި ކުރެވުނު ބޮޑެތި މަސައްކަތްތައްކަން މަޝްހޫރު ގާނޫނީ ވަކީލާކަން ވެސް ކުރައްވަމުން އަންނަ އާޒިމާ ވަނީ އެ ބަޔާނުގައި ފާހަގަކޮށްފައެވެ. ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ގެއްލުމެއް ވާނެ ވަރުގެ ކަމެއް ނުކުރައްވާނެ ކަމާއި ގައުމުގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކުރުމުގައި އެއްވެސް ގޮތަކަށް ނާޒިމް ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އާޒިމާ ވިދާޅުވެފައި ވެއެވެ.
މިވަގުތު ގައުމު އޮތް ހާލަތުން ގައުމު ނަގައި ކޮޅަށްޖަހައި، ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކޮށް، ގައުމުގެ ކަންކަން ހަމަމަގަށް އެޅުވޭނެ ގާބިލުކަން ނާޒިމް ގައިގައި ހުރިކަމަށް ގަބޫލްކުރައްވާކަމަށްވެސް އާޒިމާ ވިދާޅުވެފައި ވެއެވެ.
ނާޒިމްއަކީ އޭނާގެ ސިޔާސީ އެމްބިޝަނެއް އޮތް ބޭފުޅެއްކަން ހާމަކޮށް އާޒިމާ އިތުރަށް ވިދާޅުވީ އޭނާ ހުންނެވި ޕާޓީން އެފުރުސަތު ލިބެންނެތުމުން، އެކަން ހާމަކުރައްވައި، ޕާޓީން ވަކިވެ، ވެރިކަމުގެ ރޭހުގައި މުރާލިކަމާއެކު، ބުރަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށެވެ.
އިތުރަށް އެ ބަޔާނުގައިވާ ގޮތުން ނާޒިމަށް ތާއީދުކުރައްވާކަން ހާމަކުރައްވަނީ ނާޒިމްގެ ރިޔާސީ ކެމްޕެއިނުގެ ސިޔާސަތުއެކުލަވާލުމުގައި އަދި އެހެން މަސައްކަތުގައި ނާޒިމްގެ އަރިހުގައި ދެ މަސްދުވަހަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރުމަށް ފަހުގައި ކަމަށެވެ.