ފަނަރަ އަހަރުގެ އަންހެނުން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި، އެކުއްޖާގެ ބޮޑުބޭބެ ފަނަރަ އަހަރަށް ޖަަލަށް ލުމަށް ހައި ކޯޓުން ހުކުން ކޮށްފިއެވެ.

މި މައްސަލައިގައި ބުނެފައިވަނީ އޭނާ އެ އަމަލު ފުރަތަމަ ހިންގީ، އެއްރެއަކު އެ ގޭގެ ސިޓިންރޫމްގައި އެ ކުއްޖާއަށް ނިދިފައި އޮތް ގަޑިއެއްގައި ކަމަށެވެ.މި ގޮތުން އެ ކުއްޖާއާމެދު ޖިންސީ އަމަލު ހިންގައި ދައްކަން ނުޖެހޭ ތަންތަން ދައްކާ އެތަންތަނުގައި އަތްލާން ބުނެފައިވާ ކަމަށެވެ.

2015 ވަނަ އަހަރުން ފެށިގެން އެކި ދުވަސްތައް މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާއިރު މި މައްސަލަ އެ އާއިލާ ނިސްބަތްވާ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ 2017 ވަނަ އަހަރުގައެވެ.

އެހެންނަމަވެސް އެ ރަށު ކޯޓުން ވަނީ އެ މައްސަލަ ބޮޑުބޭބެގެ މައްޗަށް ސާބިތުނުވާކަމަށް ހުކުން ކޮށްފައެވެ. ނަމަވެސް އެ ހުކުމް ޕްރޮސިކިއުޓާ ޖެނެެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ވަނީ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ބާތިލު ކޮށްފައެވެ. އަދި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް އެއްވެސް ޝައްކެތް ނެތް މިންވަރަށް ސާބިތުވާތީ ފަނަރަ އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.