އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނުހަދާ މުރަކަ އާލާކުރުމާ ގުޅޭ މަސައްކަތެއް ފެށުމާ ގުޅިގެން ބަނީ ހޯލްޑިންގްސް 20،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ،

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް ބ. ކުންފުނަދޫ (ސޮނެވާފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން އެ މައްސަލަ ބަލާ އެކަމާ ގުޅޭ މައުލޫމަތު އެއްކޮށްފައި ވާކަމަށެވެ.

ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކުރުމުން އީއައިއޭ މަރުހަލާ ފުރިހަމަ ކުރުމަކާ ނުލާ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާކަން އެ އެޖެންސީ އަށް ޔަގީން ކުރެވިފައިވާ ކަމަށެވެ.

މި މައްސަލަ އީޕީއޭ އިން ބެލުމަށްފަހު ބަނީ ހޯލްޑިންގްސް 20،000ރ. އިން ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައިވާކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އީޕީއޭ އިން ވަނީ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާ، މުރަކަ އާލާކުރުމަށް ކޮށްފައިވާ މަސައްކަތްތަކާ، އެ މަސައްކަތާ ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށް ފަހު އެކަމާ ގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ބަނީ ހޯލްޑިންގްސްއަށް އަންގާފައެވެ.