ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް މުރާޖާކޮށް އިތުރު އިނާޔަތްތަކެއް ތައާރަފް ކޮށްފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެމުން ޖެންޑާ މިނިސްޓަރީ ބުނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް މި ވަނީ މުރާޖާކޮށް އިތުރު އިނާޔާތްތަކެއް ދޭން ނިންމައި، ޖޫން މަހުން ފެށިގެން 3000 ރުފިޔާގެ އެލަވަންސް އެއް ދޭން ނިންމާފައިވާ ކަމަށެވެ.

ނުކުޅެދުންތެރިކަމުގެ އިނާޔާތުގެ އިތުރުން ވެސް އިތުރު އިނާޔަތްތަކެއް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން 3 އިނާޔަތެއް ދޭން ނިންމިއެވެ. އޭގެތެރޭގައި ހިމެނެނީ ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލަ އަށް ނޫޅެވޭ ނުވަތަ އެހެން ފަރާތަކުން ބަލަހައްޓަން ޖެހޭ ފަރާތްތަކަށް ދޭ ކެއާރާ އެލަވަންސާއި، ނުކުޅެދުންތެރިކަމުގެ ސަބަބުން އާންމުކޮށް ބޭނުންކުރާ ތަކެތީގެ އިތުރުން އަސާސީ ބައެއް ތަކެތި ނުވަތަ ކޮންސިއުމަބަލްސް ހޯދަން ޖެހޭ ފަރާތްތަކަށް ދޭ ސެލްފް ކެއާ އެލަވަންސަކާއި، އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ގޭބިސީތަކުގައި އުޅޭ ނުކުޅެދޭ މީހުންނަށް ދޭ އެލަވަންސެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް މުރާޖާކޮށް ގެނައި ބަދަލުތައް:

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސަށް 1000 ރުފިޔާ އިތުރުކޮށް 3000 ރުފިޔާގެ އެލަވަންސެއް ދިނުން
  • ކެއާރާ އެލަވަންސްގެ ގޮތުގައި މަހަކު 2000 ރުފިޔާގެ އެލަވަންސެއް ދިނުން
  • ސެލްފް ކެއާ އެލަވަންސްގެ ގޮތުގައި މަހަކު 1000 ރުފިޔާގެ އެލަވަންސެއް ދިނުން
  • އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންނަށް ވުރެ އިތުރުވެއްޖެނަމަ ދޭ 1000 ރުފިޔާގެ އެލަވަންސް

އެއް ގޭބިސީއެއްގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންނަށް ވުރެ ގިނަ މީހުން އުޅޭ ގޭބިސީތަކުގައި އުޅެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ 1000 ރުފިޔާގެ އެލަވަންސަކީ އެ ގޭބިސީގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށް ވެސް ލިބޭނެ އިނާޔަތެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ. މި ބަދަލާ އެކު ބައެއް ގޭބިސީތަކަށް ހުރިހާ އެލަވަންސްތަކަކާއެކު 24،000 ރުފިޔާގެ އެލަވަންސް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ނުކުޅެދުންތެރިކަން ހުރި މީހުންނަށް ބަލާއިރު، އެންމެ ގިނައިން ފާހަގަ ކުރެވެނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަމަށާއި އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައި ތިބި މީހުންގެ 28.5 ޕަސެންޓް މީހުންނެވެ. އެއީ ގާތްގަންޑަކަށް 3045 މީހުން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ. ދެވަނައަށް އެންމެ ގިނައިން ފެންނަނީ ވިސްނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ.

މީގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އައި 2000 ރުފިޔާގެ އެލަވަންސެކެވެ. މި އަހަރުގެ މެއި މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ 11،371 ފަރާތަކަށް ޖުމްލަ 111،000 ރުފިޔާ ވަނީ ދޫކޮށްފައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ. މީގެ ތެރެއިން 58 ޕަސެންޓް މީހުންނަކީ ފިރިހެނުން ކަމަށާއި 42 ޕަސެންޓަކީ އަންހެނުންނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު 2011 ވަނަ އަހަރު ނުކުޅެދުންތެރިކަން ހުރި މީހުންގެ އަދަދު 3560 ހުރި އިރު އެ އަދަދު ވަނީ 2022ގެ ނިޔަލާ ހަމައަށް އައި އިރު އެ އަދަދު ވަނީ 10،701 އަށް އިތުރުވެފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ކުރިން ނުކުޅެދުންތެރިކަން ހުރި މީހުންނަށް ދެމުން އައި އެލަވަންސް ވަނީ 79 މިލިއަނުން 244 މިލިއަނަށް ވަނީ އިތުރުވެފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.