ނަވާރަސަތޭކަ ނުވަދިހަ އަށް ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ގެ ނޭނގޭ އާ ވާހަކައެއް އެ ފިލްމުގެ ލަވަތައް ކޮރިއޯގްރަފްކޮށް ދިން ފަރާ ހާން ހިއްސާކޮށްފިއެވެ.
ސޮނީ ޓީވީ އިން ގެނެސްދޭ "އިންޑިއާސް ބެސްޓް ޑާންސާސް" ގެ ޝޯއެއްގައި ބައިވެރިވަމުން ފަރާ ބުނީ އެ ފިލްމުގައި އަމަންގެ ރޯލު ކުޅުނު ސަލްމާން ހާން ފިލްމުގެ ޝޫޓިން އަށް އަންނަނީ 3-2 ގަޑިއިރަށް ކަމަށާއި އޭގެ ސަބަބުން އޭނާ ގެ ބައެއް ޝޮޓުތައް ފުރިހަމަކުރަން ނުކުޅެދުނު ކަމަށެވެ. ހާއްސަކޮށް އެ ފިލްމުގައި ހިމެނޭ އެންމެ ރީތި އެއް ލަވަ "ސާޖަން ޖީ ގަރް އާޔޭ" އަކީ ސަލްމާން އާއި ކާޖޮލް ކުޅުނު ލަވައެއް ނަމަވެސް އެ ލަވައިގެ ބޮޑު ބައި ކުޅުނީ ސަލްމާން ނޫންކަަން ފަރާ ވަނީ ދާދިފަހުން ހާމަކޮށްފައެވެ.
ފަރާ ބުނީ އެ ލަވައިގައި ސަލްމާނުގެ ރޯލު ކުޅުނީ އޭނާގެ ބޮޑީ ޑަބަލް ރިޗީ ކަމަށެވެ. ރިޗީ އަކީ އޭރު ފަރާގެ ދަށުން މަސައްކަތްކުރަމުން އައި ނެށުންތެރިއެކެވެ. ފަރާ މި ސިއްރު ފަޅާއަރުވާލުމާއެކު ގިނަ ބަޔަކަށް ޝޮކުން ގެނުވިއިރު ބައެއް މީހުން ބުނީ ސަލްމާން އަކީ މަސައްކަތަށް ވަރަށް ފަރުވާ ކުޑަ މީހެއް ކަމަށެވެ.
ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އަކީ ބޮލީވުޑްގައި މިހާތަނަށް ނެރުނު އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ. މިއަދު ވެސް ބެލުންތެރިންގެ މެދުގައި މަގްބޫލު މި ފިލްމަކީ ކާޖޮލް، ޝާހްރުކް ހާން އަދި ރާނީ މުކަރްޖީ ލީޑު ރޯލުން ފެނިގެންދިޔަ ތިނެސްކަން ލޯބީގެ އަސަރުގަދަ ވާހަކައެކެވެ.