މި އަހަރު ރާއްޖެއިން ހައްޖަށް ދާ ފަރާތްތަކުން އެލައިޑް އިންޝުއަރެންސް އިން ތައާރަފް ކޮށްފައިވާ ތަކާފުލް ޕްލޭން ނެގުމަށް އެލައިޑުން އެދިއްޖެއެވެ.

އެލައިޑުން ބުނީ، ހައްޖުގެ އަޅުކަން އަދާކުރުމަށް ކުރަމުންދާ ދަތުރުގެ ތެރެއިން ދިމާވެދާނެ ކަމަކާ މެދު ކަންބޮޑުވެ ހާސްވުމުން އެއްކިބާ ކޮށްދޭނެ ފިޔަވަޅެއްގެ ގޮތުން ހައްޖަށް ދާ އިރު ހާއްސަ ތަކާފުލް ޕްލޭން ނެގުން ވަރަށް މުހިންމު ކަމަށެވެ. އަޔާދީ ތަކާފުލްގެ ހައްޖު އެންޑް އުމްރާ ތަކާފުލް ޕްލޭނަކީ ދަތުރުގައި އުޅޭ އިރު ދިމާވެދާނެ މާލީ އަދި ސިއްހީ ބުރައަކުން ހައްޖާޖީން ރައްކާތެރި ކޮށްދޭނެ ޕްލޭނެއް ކަމަށް އެލައިޑުން ބުނެއެވެ.

އެލައިޑުން ބުނީ، ބައެއް ހައްޖުވެރިން ހައްޖުގެ އަޅުކަމުގައި އުޅޭއިރު ވެސް ހައްޖު ރޯގާ ޖެހި އަރިދަފުހުގެ އުނދަގުލުގެ އިތުރުން ހުން ގަދަވެ އަދި ހާލު ބޮޑުވެގެން އިތުރު ފަރުވާ ހޯދަން ވެސް ޖެހޭ ކަމަށާއި ހައްޖުގެ އަޅުކަން އަދާކުރުމުގައި އެހާ ގިނަ މީހުން އެއްތަންވެ އުޅޭ އިރު ޖިސްމާނީ އަނިޔާއެއް ވެސް ކުރިމަތިވެ، ފަރުވާ ހޯދަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިއިން ކޮންމެ ހާލެއްގައި ވެސް ސިއްހީ ފަރުވާ ކުރުމަށް އަތުން ދާ ހަރަދަކީ ބުރައަކަށް ވެދާނެ ކަމަށާއި ބޭރު ގައުމެއްގައި ސިއްހީ ފަރުވާ ހޯދުމަކީ އަގުބޮޑު ކަމެއް ކަން ފާހަގަކޮށް އެލައިޑުން ބުނީ، އަޔާދީގެ ހައްޖު އެންޑް އުމްރާ ތަކާފުލް ޕްލޭނެއް އޮތް ނަމަ, މިފަދަ މެޑިކަލް އެމަޖެންސީތަކުގައި ސިއްހީ ފަރުވާއަށް ކުރަންޖެހޭ ހަރަދުތައް ކަވަރުކޮށްދޭނެ ކަމަށެވެ.

މިފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ވަގުތުން އެކަން އަޔާދީ ތަކާފުލްއަށް އީމެއިލް މެދުވެރިކޮށް ނުވަތަ "މައިއެލައިޑް" ޕޯޓަލް މެދުވެރިކޮށް އަންގަން ވާނެ ކަމަށާއި އޭރުން އެކަމުގައި ކުރިއަށް ދަންވީ ގޮތުގެ އިރުޝާދުތައް އަޔާދީއިން ފޯރުކޮށްދޭނެ ކަމަށް އެލައިޑުން ބުނެއެވެ.

އެލައިޑުން ބުނީ، ސިއްހީ ކުއްލި ހާލަތްތަކުގެ އިތުރުން، އަތުގައި އޮތް ޕާސްޕޯޓު ނުވަތަ ދަބަސް ނުވަތަ އަގުހުރި އެއްޗެއް ގެއްލިއްޖެނަމަ އެކަމުގެ ބަދަލު ވެސް މި ތަކާފުލް ޕްލޭނުން ލިބޭނެ ކަމަށެވެ.

މި ޕްލޭނަކީ ދެ މަސްދުވަހުގެ މުއްދަތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ޕްލޭނެއް ކަމަށާއި އަގަކީ ބޮލަކަށް އެންމެ 750 ރުފިޔާ ކަމަށް އެލައިޑުން ބުނެއެވެ. އަދި ކޮވިޑް-19 ޖެހިގެން ކުރަންޖެހޭ ހަރަދުތަކަށް އޮޕްޝަނަލް ކަވަރޭޖެއް ވެސް އިތުރު 250 ރުފިޔާ ދައްކާލައިގެން ޕްލޭނުގެ ދަށުން ލިބޭނެ ކަމަށް ވެސް އެލައިޑުން ބުނެއެވެ.

އެލައިޑަށް ފޯމު ހުށަހަޅާއިގެން ނުވަތަ އެއަށްވުރެ މާ ފަސޭހަކަމާއެކު "މައިއެލައިޑް" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާއިގެން ވެސް މި ތަކާފުލް ޕްލޭން ބަލައިގަނެވޭނެ ކަމަށް އެލައިޑުން ވަނީ ބުނެފައެވެ.

ސައުދީ ސަރުކާރުން މި އަހަރު ރާއްޖެއަށް 1000 ކޯޓާދީފައިވާއިރު މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖުވެރިންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ ނައިބު ރައީސް ފައިސަލް ނަސީމު ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.