ހދ. ކުޅުދުއްފުށީ ކައުންސިލަރުން ސަރުކާރު ހިންގާ ޕާޓީއާ ވަކިވި ހާދިސާއަކީ "ސިޔާސީ ޒަލްޒަލާ" އެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ދެވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ، ވެރިކަން ކުރާ ޕާޓީ ދޫކޮށް، މުޅި ކައުންސިލް އެކީގައި ނުކުތުމަކީ، ކައުންސިލްގެ އުއްމީދުތައް ހާސިލް ކުރުމަށް ގިރާ ނުކުރާނެ އޮޅިގަނޑެއް އަދި ނުއުފުލާނެ ތަކުލީފެއް ނެތް ކަމުގެ ސާފު ރަމްޒެއް ކަމަށެވެ. އަދި އެއީ އަމިއްލަ ފައިމައްޗަށް ތެދުވެ "ވީއްލިގަންނަން އޮބެހެއްޓިފައި ނުތިބެން" ކުރާ މަސައްކަތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސިޓީ ކައުންސިލެއް އެކުގައި، ވެރިކަން ކުރާ ޕާޓީއާ ވަކިވާ ހާދިސާ އެއީ ސިޔާސީ ޒަލްޒަލާއެއް. އެއީ ސިޔާސީ ހާދިސާއެއް
ނަޝީދު

ނަޝީދު ވިދާޅުވީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރުން ސަރުކާރު ހިންގާ ޕާޓީން ވަކިވެ މިސްރާބު ބަދަލުކުރީ ސަރުކާރުން ވައުދުވީ ޕްރޮޖެކްޓުތައް ބާރަށް ހިނގާތަން ނުފެންނާތީ ކަމަށާއި އެއީ ހިތްވަރު ގަދަ ފިޔަވަޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވެރިކަން ކުރާ ޕާޓީން ވީއްލިގެން ތިޔަ ކުރައްވާން ތި އުޅުއްވަނީ ބޮޑު ކަމެއް. އަޅުގަނޑު ދަންނަވަނީ ބައްލަވާނެ ކަމެއް ނެތޭ މިއީ ބޮޑު މުހައްމަދުގެ ބޮޑު ތިލަދުންމައްޗޭ. ތިބޭފުޅުން އަބަދުވެސް އުޅުއްވާނީ ވެސް ކުރުއްވާނީ ވެސް ބޮޑެތި ކަންކަމޭ.
ނަޝީދު

ނަޝީދު އިތުރަށް ވިދާޅުވީ، ކުޅުދުއްފުށީގައި އެކަށީގެންވާ އަދަދަކަށް ޕްރޮޖެކްޓްތައް ހިނގާފައި ނުވަނީ ލާމަރުކަޒުކޮށް މަސައްކަތްތައް ސިޓީ ކައުންސިލާ ހަވާލުކޮށްގެން އެ ކައުންސިލްތައް ލައްވާ މަސައްކަތްތައް ކުރުމަށް އަޒުމު ކަނޑަނޭޅުމުން ކަމަށެވެ.

ސަރުކާރުގެ ސިޔާސަތު އެއްގޮތަށް ނެތުމުން ކައުންސިލްތަކުން ބާރުތައް އަމިއްލަ އަށް އަތްމައްޗަށް ނަގާ ކަމަށާއި އެކަން ދެން ނުހުއްޓުވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ މިސްރާބާއި ދިވެހިންގެ އުއްމީދުތައް އެއްވެސް ވެރިއަކަށް ވެސް އަދި ސަރުކާރަކަށް ވެސް ނުހުއްޓުވޭނެ ކަމަށް ވިދާޅުވިއެވެ.